ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަބްދުއްރަހީމް
ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އާއި އަދާލަތު ޕާޓީއާ ދެމެދު ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހަވީރު ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެއްބަސްވުމުގެ ދަށުން، ރައީސް މުއިއްޒުގެ ވެރިކަމުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރާ އެކު މަސައްކަތް ކުރުމަށާއި، 2028 ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކުރައްވާ ފުރަތަމަ ވެރިޔަކަށް ރައީސް މުއިއްޒު ހެދުމަކީ ގައުމުގެ ކުރިއެރުމަށް ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރެއްވުމަށް ރައީސް ދެންމެވި ފަލަ ރަތް ރޮނގު ހުރަސްކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވައި، ރިވެތި ޑިޕްލޮމެސީގެ އުސޫލުން ޚާރިޖީ ގުޅުންތައް ބަދަހިކުރައްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ދާޚިލީ ހަމަޖެހުމާއި ތަރައްގީއަށް މަގުފަހިކޮށްދެއްވައި، އަދުލުވެރިކަން އިސްކުރައްވާތީ، ދިވެހި ޒުވާނުންނާއި ހަރުމީހުންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީން އަބަދުވެސް އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށާއި، ޒުވާނުންގެ ވިސްނުމަށް ވެސް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަމިއްލަ އެދުން އިސްކޮށް ގައުމީ މަސްލަހަތު ފަހަތަށް ޖައްސާލައިގެން ބޭކާރު ވަގުތުތަކެއް ހޭދަކުރެވެން ނެތްކަން ފާހަގަކުރައްވަމުން، ހަވާލުވެފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިޚްލާސްތެރިކަމާ އެކު އަދާކޮށް، އަމާނާތަށް ތެދުވެރިވުމަށް އޭނާ ގޮވާލެއްވި އެވެ. އަދި ގައުމާއި ދީނަށްޓަކައޭ ހަމައެކަނި ދުލުން ބުނުމުގެ ބަދަލުގައި، އަމަލުން އެކަން ދައްކައި ގައުމަށް އެންމެ ފައިދާހުރި ގޮތަށް އިސްކަންދިނުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝައިޚް މުހައްމަދު ޝިފާން ވިދާޅުވީ، ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް އެ ޕާޓީން ނިންމީ އިސްލާމް ދީނުގެ ކަންކަން ހަރުދަނާކޮށް، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބަލައިގަނެ، އެކަމުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
ހަމައެއާއެކު، އަދުލުވެރިކަމާއި އިންސާފުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ގާއިމުކޮށް، ރަށްރަށަށް ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ވެސް މި ނިންމުމުގެ މަގުސަދެއް ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ދިވެހި ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގުބަލު ބިނާކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ވާގިވެރިވުމަށް އަދާލަތު ޕާޓީން ސަރުކާރާ އެކު މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

