ގައުމީ ސާފިންގ ޗެމްޕިއަންކަން އުމުރުން އެންމެ 9 އަހަރުގެ އާލިޔާ ލަތީފު ހޯދައިފި
ގައުމީ ސާފިން މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖްގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން އުމުރުން އެންމެ 9 އަހަރުގެ ޒުވާން ސާފަރު އާލިޔާ ލަތީފް ހޯދައިފިއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ސާފަރު، އާޔާ ނަސީމް އާ ވާދަކޮށްގެންނެވެ.
ސެމީ ފައިނަލުގައި ޝާޒިޔާ ސައީދުއާ ޗެލެންޖްކޮށް ކުރިހޯދައިގެން އާލިޔާ ފައިނަލަށް ދަތުރުކުރީ ފައިނަލް ހީޓުގައި 11.83 ގެ މޮޅު ސްކޯއަކާ އެކުގައެވެ.
މި މުބާރާތުގެ ފައިނަލް ހީޓުގައި ވާދަކޮށް އާލިޔާއަށް ލިބުނީ 5.23 ގެ ސްކޯއެކެވެ. މި ތާރީޚީ ކާމިޔާބީއާއެކު އާލިޔާ ވެގެން ގޮސްފައިވަނީ ސާފިންގެ ގައުމީ މުބާރާތް ކާމިޔާބުކުރި އުމުރުން އެންމެ ހަގު އަންހެން އެތުލީޓަށެވެ.
މިއީ އާލިޔާގެ ހަޔާތުގައި ހޯދި މިފަދަ ފުރަތަމަ ކާމިޔާބެއް ނޫނެވެ. އޭނާ ވަނީ މިދިޔަ އަހަރު މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ޖޫނިއާ މުބާރާތުގެ އަންހެން ކެޓަގަރީ ކާމިޔާބުކޮށް، ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
މީގެ އިތުރުން މިއަހަރު ލަންކާގައި ބޭއްވި ބައިނަލްއަގްވާމީ ސާފިން މުބާރާތެއްގައި ވެސް ލަންކާގެ ވަރުގަދަ ޗެމްޕިއަނުން ބަލިކުރުމަށްފަހު އާލިޔާ ވަނީ ރަން މެޑަލް ހޯދާފައެވެ.
