ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި ނައުޝާދު ހައްޔަރުކޮށްފި
މާލޭގެ ފުރުގާން މިސްކިތު ގެ ތެރޭގައި ނަމާދު ކުރަން ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ، އަޚުލާގީ ގޮތުން ދަށް އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި، މިސްކިތަކަށް ބޮޑުކަމުދިޔަ މައްސަލައެއްގައި ދާދިފަހުން ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިނިވަންވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ 2 02-13، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ފުރުގާން މިސްކިތުގައި ޟުޙާ ނަމާދު ކުރަން ހުރި އަންހެނެއްގެ ކުރިމައްޗަށް ނައުޝާދު އަރައި، އަންނައުނު ބާލައި ބަރަހަނާވުމަށްފަހު އަމިއްލަ އެދުން ފުއްދުމުގެ މުޑުދާރު އަމަލެއް ވަނީ ހިންގާފައެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރަސްމީކޮށް މައްސަލަ ހުށަހެޅުމުން، ފުލުހުން ވަނީ އެފަދަ ރިޕޯޓެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، ލިބުނު މައުލޫމާތާ ގުޅިގެން ނައުޝާދު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އޭނާގެ ފަރާތުން މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ނައުޝާދަކީ މީގެ ކުރިންވެސް ފުރުގާން މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމުގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފަތިހު 4:14 ހާއިރު، އޭނާ ވަނީ ހަމަ އެ މިސްކިތަށް ވަދެ، މިސްކިތް ތެރެއަށް ބޮޑުކަމުގޮސް އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތަކެއް ހިންގާފައެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖެހުމަށްފަހު، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ޝަރީއަތް ހިންގައި، މި ހިނގާ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ހުކުމް އިއްވިއިރު، ނައުޝާދު ކުށަށް އިއުތިރާފުވުމާ ގުޅިގެން ކޯޓުން އިއްވީ 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި 1 މަހާއި 21 ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ، ތަންފީޒުކުރަންޖެހޭ އިތުރު އަދަބެއް ނެތުމުން ކޯޓުން އޭނާ މިނިވަންކުރީއެވެ.
ކޯޓުން އޭނާ ދޫކޮށްލި ފަހުންވެސް، ނައުޝާދު ތަކުރާރުކޮށް މިސްކިތްތަކަށް ގޮސް ނިދައި، މިސްކިތްތަކުގެ މަސްލަހަތު ގެއްލޭ ފަދަ ގޮތްގޮތަށް އުޅެމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
