ފުރުގާން މިސްކިތުގައި ބަރަހަނާވެ ހުރުމަތް ކެނޑި ނައުޝާދު ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި
ފުރުގާން މިސްކިތުގެ ތެރޭގައި ތަކުރާރުކޮށް ނުރަނގަޅު އަމަލުތައް ހިންގައި، އެންމެ ފަހުން ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި ބަރަހަނާވެ އަމިއްލައަށް ޖިންސީ އެދުން ފުއްދި ނައުޝާދު މޫސާ، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފި އެވެ.
ގ. މާލޭހިޔާ (2 02-13) އަށް ނިސްބަތްވާ ނައުޝާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލޭގެ ފުރުގާން މިސްކިތުގެ އަންހެނުން ނަމާދުކުރާ ބަޔަށް ވަދެ، ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި ބަރަހަނާވެ ޖިންސީ އަމަލެއް ހިންގުމާ ގުޅިގެންނެވެ. މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފަ އެވެ.
މީގެ ކުރިން ވެސް ނައުޝާދު ވަނީ އެ މިސްކިތުގެ ހުރުމަތް ކަނޑާލައި އެކި ކުށްތައް ކޮށްފަ އެވެ. އެގޮތުން، މިދިޔަ މަހުގެ 12 ވަނަ ދުވަހު މިސްކިތުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ބަންދަށް މުއްދަތު ދިނުމަށްފަހު ފަހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ. އަދި މި މަހުގެ 1 ވަނަ ދުވަހު އޭނާގެ މައްޗަށް އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މުއްދަތުގައި އޭނާ އެއް މަހާއި 21 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އެ މުއްދަތު އަދަބުން އުނިކުރުމުން އިތުރަށް ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ނެތް ކަމަށް ކަނޑައަޅައި އޭރު އޭނާ މިނިވަންކުރި އެވެ.
އެ ހުކުމަށްފަހު މިނިވަންވުމަށްފަހު ވެސް އޭނާ އަލުން އެ މިސްކިތުގައި ނިދާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ. މީގެއިތުރުން، މީގެ ކުރިން ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއްދީ، ކަރަންޓު ބޯޑުތައް ހަލާކުކޮށްލާފައިވެ އެވެ. އަދި އެ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލަތަކުގައިވެސް މީގެ ކުރިން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
