ފޯނެއް ވަގަށް ނަގައި ޖޫރިމަނާ ނުދެއްކުމުން 21 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި
ފޯނެއް ވަގަށް ނެގުމުގެ މައްސަލައެއްގައި ޖޫރިމަނާކުރުމުން، އެ ފައިސާ ދައުލަތަށް ނުދެއްކުމާ ގުޅިގެން 21 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމެއް ކޮށްފި އެވެ. މި ހުކުމް އައިސްފައިވަނީ ސ. ހިތަދޫ، މިސްރުގަނދަކޯޅިމާގޭ، އަލީ ވަހީދުގެ މައްޗަށެވެ.
މި މައްސަލައިގެ ފެށުމަކީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ 11:00 ހާއިރު ހިނގާދިޔަ ވައްކަމެކެވެ. އެ ދުވަހު ރަސްފަންނު ގޮނޑުދޮށުގައި ހުރި ގަހެއްގައި އަޅުވާފައިވާ ދަބަހެއް، ވެރިފަރާތް މޫދަށް އެރުނު ވަގުތު ވަގަށް ނަގާފައިވެ އެވެ. އެ ދަބަހުގައި އޮތީ ނޮކިއާ ފޯނަކާއި، ފަސް ރުފިޔާގެ އިތުރުން ކޭޝް ކާޑެކެވެ. މި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ކަމަށާއި، އޭނާ ވަނީ ޝަރީއަތުގައި އެ ކުށަށް އިއުތިރާފުވެސް ވެފަ އެވެ.
މި މައްސަލައާ ގުޅިގެން މިއަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 4,200 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފަ އެވެ. އަދި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަންގާފައިވެ އެވެ. ނަމަވެސް، އެ މުއްދަތު ހަމަވިއިރުވެސް ޖޫރިމަނާ ފައިސާއިން އެއްވެސް އަދަދެއް ދައްކާފައި ނުވާ ކަމަށް ދައުލަތުން ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން، ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން އެދިގެން، ކޯޓުން ވަނީ އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަބު މުރާޖާކޮށްފަ އެވެ. އަދި އޭނާ ތަންފީޒުކުރަންޖެހޭ އަދަބެއްގެ ގޮތުގައި، ކުރިން ކަނޑައެޅި އަސްލީ އަދަބު ކަމަށްވާ 21 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް މި މަހުގެ 9 ވަނަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.