ފޯމިއުލާ ވަންގައި ތަފާތު ފަންތިތަކުގެ މީހުން ހިމެނޭ މިންވަރު އިތުރުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ: ލުއިސް ހެމިލްޓަން.
ހެމިލްޓަން އުފެއްދި "މިޝަން 44" ޗެރިޓީއަށް ފަސް އަހަރު ފުރުމާ ގުޅިގެން ނެރުނު ރިޕޯޓެއްގައި، ކަޅު ނަސްލުގެ މީހުންނާއި، އަންހެނުން އަދި އާމްދަނީ ދަށް އާއިލާތަކުގެ މީހުން އެފްވަންގައި ހިމެނޭ މިންވަރު އިތުރުކުރުމަށް ތިން ކަމަކަށް ވަނީ ގޮވާލާފައެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުޅި ސިނާއަތުން ވެސް ޑައިވަރސިޓީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، އެ މަސައްކަތްތަކުގެ ސަބަބުން މި ދާއިރާއަށް ވަންނަ މީހުންނާއި، ކުރިއެރުން ލިބޭ މީހުން އަދި ދާއިރާގައި ދެމިތިބޭ މީހުންގެ އަދަދަށް އައި ބަދަލު ދެނެގަނެވޭނެ ސައްހަ ތަފާސްހިސާބެއް ނެތެވެ.
"ސިކުންތެއްގެ އެއްހާސްބައިކުޅަ އެއްބަޔަށް ޕާފޯމަންސް މިންކުރާ ކުޅިވަރެއްގައި، މިކަން ވެސް އަހަރެމެންނަށް މިންކުރެވޭނެ،" ހެމިލްޓަން ބުންޏެވެ.
މިޝަން 44 ރިޕޯޓުގެ މައިގަނޑު ތިން ހުށަހެޅުން:
- ދާއިރާއާ ގުޅޭ މީހުންނާއި، މަގާމުގެ ކުރިއެރުން ލިބޭ މީހުން އަދި ދާއިރާގައި ދެމިތިބޭ މީހުންގެ ތަފާސްހިސާބު ބެލެހެއްޓުން.
- މީހުން ބިނާކުރުމަށް ކުރާ ހޭދަ އެފްވަންގެ 'ކޮސްޓް ކެޕް' (ޚަރަދުކުރުމުގެ ލިމިޓް) އިން ބޭރުކޮށް، އެކަމަށް ވަކިން އިންވެސްޓްކުރުން.
- ކޮންމެ އަހަރަކު ހުޅުވާލާ މުސާރަ ލިބޭ ވަޒީފާތަކާއި ތަމްރީނު ފުރުސަތުތަކުގެ އަދަދު އާންމުކުރުން.
މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެފްވަން އާއި، ދުނިޔޭގެ މޮޓޯސްޕޯޓްސް ޖަމިއްޔާ (އެފްއައިއޭ)، ޓީމުތައް އަދި މައި ސްޕޮންސަރުން ގުޅިގެން މަދުވެގެން 50 މިލިއަން ޕައުންޑް މިކަމަށް އިންވެސްޓް ކުރުމަށް ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.
މި ރިޕޯޓާ ގުޅިގެން އެފްވަންގެ ތަރުޖަމާނަކު ވިދާޅުވީ، 2024 ވަނަ އަހަރު ސޮއިކުރި ޑައިވަރސިޓީ ޗާޓަރާއެކު މިދިޔަ އަހަރު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 500،000 އަށްވުރެ ގިނަ ޒުވާނުން އެފްވަންގެ ތައުލީމީ އަދި ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.
ރިޕޯޓުގައި ވަނީ ތަފާސްހިސާބު ހާމަކުރި ބައެއް ޓީމުތަކުގެ ކުރިއެރުން ވެސް ފާހަގަކޮށްފައެވެ. އެގޮތުން 2025 ވަނަ އަހަރާ ހަމައަށް މާސިޑީޒް ޓީމުގެ މުވައްޒަފުންގެ 20 އިންސައްތައަކީ އަންހެނުންނަށް ވެފައިވާއިރު، މެކްލަރެން ޓީމުގެ މުވައްޒަފުންގެ 22 އިންސައްތައަކީ އަންހެނުންނެވެ. ނަމަވެސް، ފަސް އަހަރު ކުރިން ހެމިލްޓަން ކޮމިޝަނުން އުފެއްދި ސުވާލު ކަމަށްވާ، މޮޓޯސްޕޯޓްސްގައި މަސައްކަތްކުރާ ކަޅު ނަސްލުގެ މީހުންގެ ސީދާ އަދަދަށް އައި ބަދަލު އަދިވެސް ސާފުނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.