ރާއްޖޭގައި ވިއްކާ ބޯފެނުގެ ބައެއް ބްރޭންޑުތަކުގައި ނުރައްކާތެރި ކެމިކަލެއް ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ރިޕޯޓަކާ ހަވާލާދީ، ސޯސަލްމީޑިއާގައި ދައުރުކުރާ ޕޯސްޓްގައި ރާއްޖޭގައި އުފައްދާ "ތާޒާ" އަދި "ބޮނަކުއާ" ފަދަ ބްރޭންޑުތަކުގެ ފެނުގައި "ޑައިހައިޑްރޮޖަން މޮނޮކްސައިޑް" ނަމަކަށް ކިޔާ ނުރައްކާތެރި ކެމިކަލެއް އެކުލެވޭ ކަމަށާއި އަދި މި މާއްދާގެ ސަބަބުން ވިހަވެއްޖެނަމަ 119 އަށް ގުޅުމަށް ވެސް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
މިކަމާ ގުޅިގެން އެމްއެފްޑީއޭ އިން ބުނީ، "ޑައިހައިޑްރޮޖަން މޮނޮކްސައިޑް" އަކީ ސައިންޓިފިކް ނުވަތަ ކެމިކަލް ނަންތަކުން ފެނަށް ކިޔާ ނަން ކަމަށެވެ. އެހެންކަމުން، ބަންދުކޮށްފައި ހުންނަ ފެނުގައި މި މާއްދާ ހުރުމަކީ ނުރައްކަލެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް ފަތުރަމުންދާ ވަރަށް ބޮޑު ކުށްހީއެއް ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައި ވެއެވެ.
އާންމު ސިއްހަތާ ގުޅުންހުރި މިފަދަ ހައްސާސީ ކަންކަމަކީ ސަމާސާއަކަށް ހަދައިގެން ދައްކަންޖެހޭ ވާހަކައަށްވުރެ ސީރިއަސް ކަމެކެވެ. އަދި މަޖަލަކަށް ނުވަތަ ސަމާސާއަކަށް ވިޔަސް މިފަދަ ދޮގު ޚަބަރުތައް ހަދައި، ނުފެތުރުމަށް އެމް އެފް ޑީ އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
