ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް: މުވައްޒަފަކު ވަކިނުކުރާނެކަމުގެ ޔަގީންކަން ދީފި
ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މި ބަދަލުގެ ތެރެއިން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ރަށްރަށުގެ އިންޖީނުގެތައް ރަސްމީކޮށް ސްޓެލްކޯއާ ހަވާލުކޮށް ނިންމާލުމެވެ. އަދި އިންޖީނުގެތައް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، އެ ރަށްރަށުގައި މިހާރު މަސައްކަތްކުރާ ފެނަކައިގެ މުވައްޒަފުން އެ ގޮތުގައި ދެމިތިބޭނެ ކަމަށާއި، އެ މުވައްޒަފުން ބަދަލުވެގެންދާނީ ސީދާ ސްޓެލްކޯގެ ބެލުމުގެ ދަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ކުންފުނިތައް މުރާޖައާކޮށް ޚަރަދުކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، ފެނަކަ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަދަ ކުންފުނިތަކުގެ އޮޕަރޭޝަންތައް އެހެން ކުންފުނިތަކާ އެއްކޮށްލުމަށް ވަނީ ނިންމާފައެވެ. މީގެ ކުރީގެ މަރުހަލާތަކުގައި ފެނަކައިގެ ބައެއް މަޝްރޫއުތަކަށް ނަގާފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އިނާޔަތްތަކާއެކު ރެޑަންޑަންސީ އުސޫލުން ދޫކޮށްލާފައިވީ ނަމަވެސް، މިހާރު ހިނގަމުންދާ އިންޖީނުގެތައް ބަދަލުކުރުމުގެ މަރުހަލާގައި އިތުރު އިދާރީ މުވައްޒަފަކު ނުވަތަ ޓެކްނިކަލް މުވައްޒަފަކު ވަކިނުކުރާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ދެއެވެ.
ސްޓެލްކޯއިން ވަނީ ބައެއް އަތޮޅުތަކުގެ ޚިދުމަތްތައް ފެނަކައިން އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ބަދަލުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގައި ދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކުންފުނިތައް ހިންގުމުގައި ހުރި އިސްރާފުތައް ނައްތާލުމެވެ.