News Featured

އޭ.އައި ސައިންޓިސްޓުގެ ބޮޑު އިންޒާރު: އިންސާނުން ނައްތާލަން އޭ.އައި ނިންމަފާނެ!

Advertisement
އޭ.އައި ސައިންޓިސްޓުގެ ބޮޑު އިންޒާރު: އިންސާނުން ނައްތާލަން އޭ.އައި ނިންމަފާނެ!
ތަފްޞީލް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތަރައްޤީގެ ބޮޑު ދައުރެއް އަދާކުރި ސައިންޓިސްޓެއް ކަމަށްވާ ޖެފްރީ ހިންޓަން ދަނީ މިފަހަކަށް އައިސް އޭއައި ތަރައްޤީ ވަމުންދާ ބާރު މިނަށް ބަލައި އޭގެއިން ނުކުމެދާނެ ނުރަގަނޅު ނަތީޖާ އަކާއި ދޭތެރޭ ސަމާލުވުމަށް ގޮވައި އިންޒާރު ދެމުންނެވެ.

އޭނާ ވިދާޅުވާ ގޮތުގައި އޭއައި އިން އެއްވެސް ގޯސް ނިޔަތެއް ނެތިކުރާ ('އިނޮސެންޓް') ޓާސްކަކުންވެސް، އިންސާނުންނަށް އެތަށް ގެއްލުމެއް ލިބި އަދި އިންސާނުންގެ ނަސްލު ނެތި ދިއުމަށް މެދުވެރި ވުމުގެ ފުރުސަތު އޮތްކަމަށެވެ.

ޖެފްރީ ވިދާޅުވިގޮތުގައި އެއްވެސް ގޯސް ނިޔަތެއް ނެތިވެސް، އޭއައި އަށް ދީފައިވާ މަސައްކަތެއް ކާމިޔާބު ކުރަން މަސައްކަތް ކުރާ ކުރުމުގައި އެމަސައްކަތް ކާމިޔާބު ކުރުމަށް ނުވަތަ އެމަސައްކަތުގެ މަޤުސަދު ކާމިޔާބު ކުރުމަށް އޭއައި އިން އަމިއްލަޔަށް ޓާގެޓްތަކެއް ނުވަތަ (ސަބު-ގޯލް) ތަކެއް އުފައްދަފާނެއެވެ. މި ގޮތުން އުފައްދާ ސަބު-ގޯލް ކާމިޔާބު ކުރުމަށާއި، އޭއައިގެ އަމިއްލަ ހިމާޔަތް ހޯދުމުގެ މަޤުސަދުގައި އޭއައި އަމިއްލަޔަށް ބާރު ވެރިކަން ހޯދަން މަސައްކަތް ކުރާނެކަމަށެވެ. އަދި މިގޮތަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނައްތާލައި ހައްލު ހޯދަންވެސް ފަށާނެ ކަމަށެވެ. އެ ޙައްލު ހޯދަން އުޅުމުގެ ތެރޭގައި އިންސާނުން އެކަމަށް ހުރަސްއަޅާކަމަށް ބެލެވިއްޖެނަމަ، އެ ހުރަހެއް ނައްތާލުމުގެ މަޤުސަދުގައި އިންސާނުންނާއި ދެކޮޅަށް މަސައްކަތްކޮށް، އިންސާނުން ނައްތާލަން ޓާގެޓް ހިފާނެކަމަށެވެ. އެއީ ޓާސްކްތައް ކާމިޔާބު ކުރުމަށް ކުރާކަމަށްވާނެއެވެ. ޤަސްދުގައި އިންސާނުން ނައްތާލުމަށް އޭއައި ކުރާކަމަކަށް ނުވެދާނެއެވެ. ނަމަވެސް އާޚިރު ނަތީޖާ އަކަށް މިވެގެންދަނީ އިންސާނުންނާއި ދެކޮޅަށް ޓާސްކްތަކެއް ހިންގުމެވެ.

ޖެފްރީ ހިންޓަން އަކީ މެޝިންގ މެދުވެރިކޮށް ހިންގާ ޑީޕް ލާނިންގެ ބިންގާ އެޅި ސައިންޓިސްޓުންގެ ތެރޭގައި ހިމެނޭ، އަދި މިދާއިރާއަށް ގިނަ ޚިދުމަތް ތަކެއް ކޮށްދީފައިވާ ފަރާތެކެވެ. އޭނާއަށް 'ގޯޑް ފާދާ އޮފް އޭއައި' ގެ ލަގަބުވެސް ބައެއް ފަރާތްތަކުން ދީ އުޅެއެވެ. ޖެފްރީ ވަނީ މީގެ އަހަރުތަކެއް ކުރިންވެސް އޭއައި ގެ ނުރައްކާތެރިކަމާއި އޭއައިގެ ތެރައްޤީގެ ސްޕީޑާމެދު ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދީފައެވެ.

ނަމަވެސް، ޖެފްރީ މިދެކޭ ގޮތާއި ހުރިހާ އެކަޑެމިކް އަދި ޓެކްނޮލޮޖީ އެކްސްޕާޓުން އެއްބަހެއް ނުވެއެވެ. ބައެއް ތަޖްރިބާ ކާރުން ބުނާގޮތުގައި މިހާރުގެ AI ނިޒާމުތަކަކީ އަދިވެސް މާ ކުޑަ ޓޫލްސްތަކެއް ކަމަށާއި، މީގެއިން މާދަމާ ނުކުމެދާނެ ނުރައްކަލަކަށް ވުރެ މިހާރު ލިބޭ މައުލޫމާތާއި، ހިފޭ ބޭނުމާއި ކުރާފައިދާ ވަރަށް ބޮޑުތަނުންވެސް އިތުރުކަމަށެވެ. އަދި މާދަމާ ނުކުމެދާނެ ނުރައްކަލަކަށް ތައްޔާރުވުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބިގެންވާކަން ބައެއް ތަޖްރިބާކާރުން ފާހަގަކުރެއެވެ.

އެކަމަކު، AI ގެ ސަލާމަތްތެރިކަމާއި އެ ނިޒާމުތައް ބެލެހެއްޓުމަށް ވަރުގަދަ ޤަވާއިދުތަކާއި ކޮންޓްރޯލްތައް ހެދުމުގެ ބޭނުން އިންތިހާއަށް އޮތް ކަމަށް އޭއައިގެ އެކްސްޕާޓުންނާއި އޭއައި ޑިވެލޮޕްކުރާ ކުންފުނިތަކާއި އަދި ސަރުކާރުތަކުންވެސް އެއްބަސްވެއެވެ. ނަމަވެސް މިކަމުގައި ފިޔަވަޅުތަކެއް އެޅޭނީ ކޮންއިރަކުތޯ އެއީ މިހާރު އުފެދޭ ސުވާލެވެ. އޭއައި ކުންފުނިތައް މިވަގުތު ވަނީ މި ޓެކްނޮލޮޖީގެ ރޭހުގެ ތެރޭގައި ތާށިވެ، އެއް ކުންފުންޏަށް ވުރެ ވަރުގަދަ ސިސްޓަމެއް އަނެއް ކުންފުނިން ހަދަން މިސްރާބު ޖަހާފައެވެ. އެއްޤައުމަށް ވުރެ އަނެއް ޤައުމެއް، އޭއައި ޓެކްނޮލޮޖީގައި ކުރިޔަށް ޖެހެން ދަނީ މަސައްކަތް ކުރަމުންނެވެ. އޭއައި އިން އުފައްދާނެ ކަމަށް ބެލެވޭ ވިޔަފާރީގެ ފައިދާ ނަގަން ކުންފުނިތަކާއި ޤައުމު ތަކުން ދަނީ ބާރަށް މަސައްކަތް ކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި އޭއައި ތަރައްޤީ ކުރުމުގެ ސްޕީޑް އެއްވެސް ފަރާތަކުން ދަށް ކުރާނެކަމަށް ނުބެލެވެއެވެ. އޭއައި ކުންފުނި ތަކުންވެސް މުސްތަޤު ބަލާއި މެދު އޮތް ނުރައްކަލުގެ ވާހަކަ ދައްކައެވެ. ނަމަވެސް އެއް މޮޑެލް އަށްވުރެ މޮޅަށް، އަނެއް މޮޑެލް އުފައްދައި ނެރެމުން އެއިން ވިޔަފާރި ކުރަމުން ގެންދެއެވެ. އދ. އަށްވެސް މިކަމުގައި ފިޔަވަޅުތަކެއް އެޅޭނެ ކަމަކަށް ނުބެލެވެއެވެ.

އެމެރިކާއިން ބޭނުންވަނީ މިރޭހުގެ އެންމެ ކުރީގައި އެމެރިކާ އޮންނާށެވެ. ޗައިނާއިން ވަކި ދޫކުރާކަށް ބޭނުމެއް ނުވެއެވެ. އަހަރުމެން އެންމެން ނެތި ދިޔަސް އޯކޭހެއްޔެވެ؟ މިއީ މިހާރު ޖަވާބު ހޯދަން ފަސޭހަ ސުވާލެއް ނޫނެވެ.


Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް