އޭ.އައި މެދުވެރިކޮށް ސިންގަޕޫރުގެ ފެންގަނޑެއްގައި ކިނބުލެއް އުޅޭކަމަށް ދައްކުވައިދޭ ދޮގު ފޮޓޯއެއް ހެދި މީހަކަށް ދަޢުވާކޮށްފި
ސިންގަޕޫރުގެ މަޝްހޫރު ޕެންޑަން ރެސަވޯޔާ ގައި ބޮޑު ކިނބުލެއް އުޅޭކަން ދައްކުވައިދޭ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ހަދާފައިވާ ފޭކު ފޮޓޯއެއް އުފައްދައި އާންމުކުރި މީހަކާ ދެކޮޅަށް ސިންގަޕޫރުގެ ކޯޓުގައި ދަޢުވާ އުފުލައިފިއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދަޢުވާ އުފުލާފައިވަނީ Ye Lin (ޔޭ ލިން) ނަމަކަށް ކިޔާ މިޔަންމާގެ 30 އަހަރުގެ ރައްޔިތެކެވެ. އޭނާ ވަނީ ގޫގުލް ޖެމިނައި (Gemini) އޭއައި ބޭނުންކޮށްގެން ކިނބުލެއްގެ ފޮޓޯއެއް ހެދުމަށްފަހު، އޭނާގެ ރައްޓެއްސަކަށް އެ ފޮޓޯ ފޮނުވާފައެވެ. އެއަށްފަހު، އެ ފޮޓޯ ސިންގަޕޫރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައުމާ ގުޅިގެން، ސިންގަޕޫރުގެ ވޯޓާ އޭޖެންސީ (PUB) އާއި ނޭޝަނަލް ޕާކްސް ބޯޑުން ވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ރެސަވޯޔާގައި ކުރިއަށްދިޔަ ކަނޯއިންގ އާއި ރޯއިންގ ފަދަ ފެނުގެ ހުރިހާ ޙަރަކާތްތަކެއް ވަގުތުން ހުއްޓުވާފައެވެ.
އިދާރާތަކުން 48 ގަޑިއިރު ވަންދެން ކިނބޫ ހޯދުމުގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގުމަށްފަހު، ސީސީޓީވީ ފޫޓޭޖްތަކާއި އޭއައި ޑިޓެކްޝަން ޓޫލްސް ބޭނުންކޮށްގެން ކުރި ތަޙުޤީޤުން އެ ފޮޓޯއަކީ ސައްޙަ ފޮޓޯއެއް ނޫންކަން ވަނީ ކަށަވަރުވެފައެވެ. މި މައްސަލަ ފެންމަތިވުމާއެކު ޔޭ ލިން ވަނީ އޭނާގެ ފޯނުން އެ ފޮޓޯތަކާއި އޭއައި އެޕްލިކޭޝަން ޑިލީޓްކޮށްގެން ހެކި ނައްތާލަން މަސައްކަތްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ސިންގަޕޫރުގެ ފުލުހުން ވަނީ އޭނާގެ މައްޗަށް ދޮގު މަޢުލޫމާތު ފެތުރުމުގެ ދަޢުވާއާއި، އިންޞާފަށް ހުރަސްއެޅުމުގެ ދަޢުވާ (ހެކި ނައްތާލަން މަސައްކަތްކުރުމުން) އުފުލާފައެވެ. މީޑިއާތަކުން ބުނާގޮތުގައި، މި ދެ ދަޢުވާ ސާބިތުވެއްޖެނަމަ އޭނާއަށް ޖުމްލަ 10 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
ސިންގަޕޫރު ފުލުހުން ވަނީ ސޯޝަލް މީޑިއާއާއި އޭއައި ބޭނުންކޮށްގެން އާންމުންގެ ތެރޭގައި ނުރައްކާތެރި ކަމާއި ބިރުވެރިކަން އުފެދޭފަދަ ދޮގު މަޢުލޫމާތު ނުފެތުރުމަށް އާންމުކޮށް އިލްތިމާސްކޮށްފައެވެ.
