އެސްއޯއީތައް މެދުވެރިކޮށް 10 ރިޒޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަށް ފަތުރުވެރިކަމުގެ އެއް ބާނީ އަފީފްގެ ތާއީދު
ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) މެދުވެރިކޮށް މަދުވެގެން 10 ރިޒޯޓު ތަރައްޤީކޮށް، އޭގެއިން ލިބޭ ފައިދާގެ ހިއްސާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު އިޤްތިޞާދީ ބަދަލެއް އަންނާނެ މުހިންމު ނިންމެވުމެއް ކަމަށް ކްރައުން ކޮމްޕެނީގެ ޗެއަރމަން ޙުސައިން އަފީފް (ޗަމްޕާ އަފީފް) ވިދާޅުވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ރިޒޯޓުތައް ތަރައްޤީކޮށް ނިމުމުން، ލިބޭ ފައިދާގެ ތެރެއިން ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު އެވެރެޖްކޮށް މަދުވެގެން 400 އެމެރިކާ ޑޮލަރުގެ މަންފާއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. މިއީ ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ ސީދާ ރައްޔިތުންގެ ޖީބަށް ވަންނާނެ މަގެއް ކޮށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތެކެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފީފް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ކުންފުނިތަކަށް ބިންތައް ދޫކޮށްގެން ރިޒޯޓު ހަދައި، ރައްޔިތުންނަށް އޭގެއިން މަންފާ ލިބޭނެ ގޮތް ހެދުމަކީ ދިވެހީންގެ ޙިއްޞާ ފަތުރުވެރިކަމުގައި އިތުރުވެގެންދާނެ ކަމެކެވެ. އަދި ފަތުރުވެރިކަމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާޙުގެ ދަށުން އެސްއޯއީތަކަށް ބިން ދޫކުރުމުގެ ޤާނޫނީ ފުރުޞަތު ފަހިވެފައިވާއިރު، މިއީ މުޅި ސިނާޢަތުގެ އޮގަނައިޒޭޝަނަލް އޮކިއުޕެންސީއާއި އާމްދަނީ ފުޅާކުރުމަށް ލިބޭނެ ރަނގަޅު ފުރުޞަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް 3 އަހަރު (36 މަސް) ތެރޭގައި ރިޒޯޓުތައް ތަރައްޤީކޮށް ނިންމައި، އޭގެ ފައިދާ ރައްޔިތުންނަށް ބެހުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ދާދިފަހުން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
