އެމެރިކާގެ ފެޑަރަލް ރިޒާވުން ފެޑެރަލް އިންޓަރެސްޓް ރޭޓު މަތިކޮށްފި
ފެޑަރަލް ރިޒާވު އިން ނެރެފައިވާ ބަޔާނުގައި، އެމެރިކާގެ އިޤްތިޞާދު އަދިވެސް ރަނގަޅު ހާލުގައި ކުރިއަށް ދަތުރުކުރަމުންދާ ކަމަށާއި، މަސައްކަތުގެ ބާޒާރާއި ވިޔަފާރީގެ އިންވެސްޓްމަންޓްތައް ވެސް ރަނގަޅަށް ކުރިޔަށްދާ ކަމަށްވަނީ ބުނެފައެވެ. ނަމަވެސް ތަކެތީގެ އަގު ބޮޑުވުން (އިންފްލޭޝަން) 2 ޕަސެންޓަށް މިހާރު އިތުރުވެފައިވާތީ، އެކަން ހައްލުކުރަން އިންޓަރެސްޓް ރޭޓް މަތިކުރަން ޖެހުނީކަމުގައި ބުނެފައިވެއެވެ. ފެޑަރަލް ރިޒާވު ޗެއަރމަން ކެވިން ވޯޝް ވިދާޅުވީ، އިންފްލޭޝަން "ދިގު މުއްދަތަކަށް ވެސް ވަރަށް މަތީގައި" ހުރުމުން، އަގުތައް ސްޓޭބަލް ކުރުމަކީ ފެޑުގެ އަސާސީ މަޤްޞަދު ކަމަށެވެ.
ފެޑުން މިނިންމުން ނިންމާނެކަމަށް ބެލެވޭތީ މާކެޓް ތަޙުލީލްކުރާ ފަރާތްތަކުން ދިޔައީ މިކަމަށް އިންތިޒާރު ކުރަމުންނެވެ. އިންފްލޭޝަން ދެމި އޮތުމާއި ތެލުގެ އަގު މައްޗަށް ދިއުމުން، ފެޑުން ފިޔަވަޅު އަޅާނެ ކަމަށް ގިނަ މީހުން ލަފާކުރަމުން އައެވެ. އަދި އަހަރުގެ ބާކީ މަސްތަކުގައި ވެސް އިންޓަރެސްޓް ރޭޓް އިތުރަށް އުފުލުމުގެ ފުރުސަތު އޮތް ކަމަށްވެސް ބައެއްފަރާތް ތަކުން ލަފާކުރެއެވެ. އިންޓަރެސްޓް ރޭޓު އިތުރުވުމުން އާންމުކޮށް ފައިސާ ބޮރޯވިންގ ކޯސްޓް އިތުރުވާނެއެވެ. އޭގެ ސަބަބުން މާކެޓްގައި ދައުރުވާ ފައިސާ މަދުވެ، ޚަރަދުކުޑަވެ، ތަކެތީގެ އަގުތިރިވާނެއެވެ. ގެދޮރު ލޯނު، ކާރު ލޯނު، ކްރެޑިޓް ކާޑު އަދި ވިޔަފާރި ލޯނުތަކުގެ އިންޓަރެސްޓް މަތިވެދާނެއެވެ. އަދި ސޭވިންގްސް އެކައުންޓްތަކަށާއި ފިކްސްޑް ޑިޕޮޒިޓްތަކަށް ލިބޭ އިންޓަރެސްޓް ވެސް އިތުރުވެދާނެއެވެ.
މިނިންމުގެ ސަބަބުން ވިޔަފާރި ހީނަރުވުމުގެ ބިރު ކޮންމެވެސް މިންވަރަކަށް އޮތަސް، އިންފްލޭޝަން މަތިވުން ހުއްޓުވައި އިންފްލޭޝަން ތިރިކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް އިޤްތިސާދީ ތަޖުރިބާ ކާރުން ބުނެއެވެ.
