އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މާލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ކޮންގްރެސް މިއަދު މާލޭގައި ފަށައިފިއެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ މި ބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން އޮކްޓޯބަރު 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ ކޮންގްރެސް މާލެ ސިޓީ ކައުންސިލްގެ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުމުގައި ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުތައް ގެނައުމާއި އިޞްލާޙީ މަސައްކަތްތަކާ މެދު މަޝްވަރާކުރެވޭނެއެވެ. އެމްޑީޕީން މަޢުލޫމާތު ދޭ ގޮތުގައި މުޅި ރާއްޖެއިން 1,000 އަށްވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރިވެއެވެ.
މީގެއިތުރުން، މިއަހަރުގެ ކޮންގްރެސްގެ ތެރެއިން ލޯކަލް ކައުންސިލްތަކާ ގުޅިގެން ޚާއްޞަ އިިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ. މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަށް އިންވެސްޓަރުން ހޯދުމާއި، އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމެވެ.
