އީގަލް ހިލްސްގެ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢުން އިޤްތިޞާދަށް ބޮޑު ތަރައްޤީ ގެންނާނެ: ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، Eagle Hills އާއެކު ހިންގޭ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ވޯޓަރފްރަންޓް އަދި މަރީނާ މަޝްރޫޢު ނިމުމުން ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވެ، ޤައުމީ އާމްދަނީގެ ކުރިއެރުމަށް ބޮޑު އަސަރެއް އަންނާނެ ކަމަށެވެ. ރައީސް މިގޮތަށް ވިދާޅުވީ ޕީއެސްއެމް ގެ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސަރުކާރުން އިޤްތިސާދު ކުރިއެރުވުމަށް ތަފާތު އިންވެސްޓްމަންޓްތައް ގެންނަވާނެ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި، މި މަޝްރޫޢަކީ އެންމެ ބޮޑު ރިއަލް އެސްޓޭޓް އަދި ޓޫރިޒަމް ތަރައްޤީ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެއް ކަމުން، މިމަޝްރޫއުން ލިބޭނެ ފައިދާ ދިގު މުއްދަތަކަށް ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫޢާއެކު އިންވެސްޓްމަންޓް، ވިޔަފާރި އަދި މަސައްކަތުގެ ފުރުސަތުތައް އިތުރުވާނެއެވެ.
މި މަޝްރޫޢު މެދު ބައެއް ފަރާތްތަކުން ޤައުމީ ދަރަނި އިތުރުވާނެކަމުގެ ކަންބޮޑުވުން ފާޅުކުރާއިރު، ސަރުކާރުން ބުނަމުންދަނީ މިއީ ޚަރަދު ބޮޑު ޕްރޮޖެކްޓެއް ނަމަވެސް އިޤްތިޞާދަށް މި ޕްރޮޖެކްޓުން އެނބުރި ލިބޭނެ ފައިދާ އެއަށްވުރެ ގިނަވާނެ ކަމަށެވެ. މި މަޝްރޫޢުން ޓޫރިޒަމް، އެއްގަމު ވިޔަފާރި އަދި ޚިދުމަތުގެ ދާއިރާތަކުގެ ތަރައްޤީއަށް ބާރު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
