ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޮނުވުމުގެ ޕައިލެޓް ޕްރޮޖެކްޓު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފަށަނީ
ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޮނުވުމުގެ ޕައިލެޓް ޕްރޮޖެކްޓު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ފަށާނެ ކަމަށް ސްޓޭޓް ފާމާއިން އިއްޔެ ބުނެފިއެވެ.
އެ ކުންފުނިން ބޭސް ރައްކާކުރާ މައި ގުދަން މީޑިއާތަކަށް ދައްކާލުމަށްފަހު ވާހަކަދައްކަވަމުން، ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) އަހުމަދު އިމާދު ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޑްރޯން މެދުވެރިކޮށް އެއް ތަނުން އަނެއް ތަނަށް ބޭސް އުފުލުމުގެ ޕައިލެޓް ޕްރޮޖެކްޓު ފަށާނެ ކަމަށާއި، އެއަށްފަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެ ހިދުމަތް ފުޅާކުރާނެ ކަމަށެވެ.
ޑްރޯން ބޭނުންކޮށްގެން ބޭސް ފޮނުވުމަކީ ކުރީގެ ސަރުކާރުންވެސް ގެންގުޅުނު ވިސްނުމެކެވެ. އެގޮތުން، އޭރު ޑްރޯން ހޯދައި ޓެސްޓު ދަތުރުތައްވެސް ބާއްވާފައިވެއެވެ. އަދި މި ސަރުކާރުންވެސް އެކި ތާރީހުތަކުގައި އެ މަސައްކަތް ފަށާނެ ކަމަށް އިއުލާން ކުރި ނަމަވެސް، އެ މުއްދަތުތައް ފާއިތުވެގެން ދިޔައިރުވެސް އަމަލީ ގޮތުން އެ ހިދުމަތް އަދި ފެށިފައެއް ނުވެއެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމާދު ވަނީ ބަލި މީހުންނަށް ބޭނުންވާ ބޭސް ލިބުމުގައި ލަސްތަކެއް ހުރިކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންނަމަވެސް، ރާއްޖެއިން ނުލިބޭ ގިނަ ބޭސްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިހާރު ރާއްޖެއިން ބޭރުން ގެނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަޕްލައި ޗެއިންއާ ހަވާލުވެފައި ގޮންޖެހުންތައް އެބަހުރި ކުރިން. މިހާރު ސްޓޭބަލް ކުރެވިފައި މި ހުރީ. މި ވަގުތު މަސައްކަތް ކުރަނީ ދީފައި އިން ޓައިމް، ދެ ހަފުތާގެ ތެރޭގައި ޓާގެޓަށް ވޯކް ކުރަން،" އިމާދު ވިދާޅުވިއެވެ.
އިމާދު ފާހަގަކުރެއްވި ގޮތުގައި، އެސްޓީއޯއިން ހިންގަމުން އައި ހުރިހާ ފާމަސީތަކެއް މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ދިޔައީ އުއްމީދުކުރި ވަރަށް ވުރެވެސް ރަނގަޅަށެވެ. އެ ބަދަލާއެކު އެންމެ ބޮޑު އިސްކަމެއް ދިނީ ބޭހުގެ ސްޓޮކް ދެނެގަތުމަށް ކަމަށާއި، އަސާސީ ބޭސް ލިސްޓުގައި ހިމެނޭ ގިނަ ބޭސްތަކެއް މިދިޔަ ހަފުތާގައިވެސް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސް ނިމުމުގެ ކުރިން އިތުރު ބޭސްތައް ގުދަން ކުރެވޭނެ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.
މީގެ އިތުރުން، ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) އަހުމަދު ޒިޔާއު ސައީދު ވިދާޅުވީ އާންމުންނަށް ވީހާވެސް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އޮންލައިންކޮށް ބޭސް ސިޓީ ހުށަހެޅުން ފަދަ ހިދުމަތްތައް ހިމެނޭހެން، އަންނަ އަހަރު ކުންފުނީގެ ޓެކްނޮލޮޖީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ރާވާފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.