ޑޮލަރުގެ ތާށިކަން ދިމާވީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއަށް އައި ބަދަލަކުން - ބޭންކް
އެމެރިކާ ޑޮލަރުގެ ތާށިކަން އައިސްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އައިސްފައިވަނީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިގެ ދެމެދުގައި އުފެދުނު ވަގުތީ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ބީއެމްއެލްއިން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ނޫސް ބަޔާނުގައި ވަނީ ޓީޓީ މެދުވެރިކޮށް ޑޮލަރުން ކުރަމުންއައި މުޢާމަލާތްތައް އަންނަ ހަފްތާތެރޭގައި އާއްމު ހާލަތަކަށް އަންނާނެ ކަމަށާއި، ޑޮލަރުގެ މުޢާމަލާތް ފުރިހަމަ ކުރުމުގައި ދިމާވި ދަތިތައް އަންނަ ހަފްތާ ނިމެންވާއިރަށް އާއްމު ޙާލަތަކަށް ގެނެވޭނެ ކަމަށެވެ.
ބީއެމްއެލްއިން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައިވާ ކަމާއި އަދި ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް މިހާރު އެހީއަކަށް ވެފައިވާ ކަމަށްވެސް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
ބޭންކްން ހާމަކޮށްފައިވާ ގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް %33.33 އިތުރުވުމެއް ކަމަށެވެ. އަދި މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުވޭ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ޑޮލަރު ވިއްކާފައިވާ މައިގަނޑު ދާއިރާތަކާއި އަދަދުތައް
- ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް: މަހަކު 38 މިލިއަން ޑޮލަރު
- ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް: މަހަކު 27 މިލިއަން ޑޮލަރު
- ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް މަހަކު 9.4 މިލިއަން ޑޮލަރު
- ޞިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް: މަހަކު 7.3 މިލިއަން ޑޮލަރު
ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާ އަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށާއި، ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ މަހެއްކަމުން އެކަމުގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށެވެ.
ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ގައުމަށް އިތުބާރުހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށާއި މިހާރު ދިމާވެފައިވާ ހާލަތަކީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމުން ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، ބޭންކުން ދަނީ ޑޮލަރުގެ ހާލަތު ވަރަށް ގާތުން ބަލައި، ކަސްޓަމަރުންނާއި ހިއްސާދާރުން އަދި މުޅި އިގްތިސާދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅަމުންދާ ކަމަށް ބީއެމްއެލްގެ ނޫސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
