ޑޮލަރުގެ މައްސަލަ ހައްލުކުރަން ރިސޯޓްތައް އޮޑިޓްކުރަންޖެހޭ، އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން: ގަވަރުނަރު މުނައްވަރު
ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ކަންމަތީ ފިހާރަތައް އެކަނި ބެލުމުގެ ބަދަލުގައި، ގައުމަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރިސޯޓްތަކުގެ ހިސާބުތައް އޮޑިޓްކުރަންޖެހޭ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
=================================================
ފަތުރުވެރިކަމުން ލިބޭ އާމްދަނީއާއި ބޭންކިން ނިޒާމަށް ވާންނަ އަދަދު
ފަތުރުވެރިކަމުން އަހަރަކު ލިބޭ ޖުމްލަ އާމްދަނީ
$5.9 ބިލިއަން
ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ އަދަދު
$3.8 ބިލިއަން
ނިޒާމުން ބޭރުގައި ދައުރުވާ އަދަދު
$2.1 ބިލިއަން
=================================================
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު މުނައްވަރު ވަނީ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީއާއި ޓެކްސް ދެއްކުމުގައި ހުރި ބޮޑެތި ފަރަގުތަކެއް ހާމަކުރައްވާފައެވެ:
- ޑޮލަރު ދައުރުވުމުގެ ފަރަގު: ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ 3.8 ބިލިއަން ޑޮލަރެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމަށް ވަދެއްޖެނަމަ، އެއީ އާންމު ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއްކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.
- އިންކަމް ޓެކްސް ދައްކާ ރިސޯޓްތައް މަދުވުން: މީރާއިން އެމްއެމްއޭއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ވަރަކަށް ރިސޯޓުން ކަމަށެވެ. މީގެ މާނައަކީ އަނެއް ރިސޯޓްތަކަށް ފައިދާ ނުވުން ނުވަތަ މާލީ ހިސާބުތަކުގައި މައްސަލަތަކެއް އުޅުން ކަމަށްވާތީ، އެ ތަންތަން އޮޑިޓްކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
- ފިޔަވަޅުތައް ހަރުކަށިކުރުން: ރާއްޖެއަށް ވަންނަ ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މޮނިޓަރކުރުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުކަށިކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެކްސްޗޭންޖް ރޭޓް ފްލޯޓްކުރުމަށް (މާކެޓަށް ދޫކޮށްލުމަށް) ބައެއް ފަރާތްތަކުން ދޭ ހިޔާލަށް ރައްދު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވެސް އެކަން އެގޮތަށް ނުކުރީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކަނޑައެޅެމުންދާތީ ކަމަށެވެ. އަދި ޑޮލަރުގެ ދަތިކަމަކީ އެކައްޗެއްގެ ތެރޭގައި ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

