ދިއްދޫ ގައި ފެށިފައިވާ މަގުހެދުމުގެ މަޝްރޫއު 3 އަހަރުވީ އިރުވެސް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން
ހއ. ދިއްދޫގައި ފެށިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މަގުހެދުމުގެ މަސައްކަތް ދިގުލައިގެން ގޮސް، ކުރިއަށްނުދާތީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ހއ. ދިއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ޒާހިރު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ވަނީ ފެށިފައެވެ. ނަމަވެސް، އޭގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީ މަގު ހެދުމުގެ މަޝްރޫއު ނުނިމި ދިގުލައިގެންދާތީކަމަށް ވިދާޅުވިއެވެ.
ދިއްދޫ މަގުހެދުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަހު ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށުނު މަސައްކަތެއް ނަމަވެސް، އެ މަސައްކަތް އޭރު އޮތް ހިސާބުން ފެށިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައިވެސް އެދެވޭ އެއްވެސް ހައްލެއް ފެންނަން ނެތް ކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވައިފައެވެ.
މި މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަކާ ބައްދަލުކޮށްފައިވާ ކަމަށާއި، ހާއްސަކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ބައްދަލުކޮށް މަގުތަކުގައި ހޮޅި ޖަހާފައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހިއްސާކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ ބައްދަލުވުމުގައި މި އަހަރުގެ ޑިސެންބަރު މަހަށް ތާރު އަޅައި މަގުތައް ނިންމައިދޭނެ ކަމަށް އާރްޑީސީން ބުނި ނަމަވެސް، އެ މަސައްކަތް ނިމޭނެކަމުގެ އެއްވެސް އަލިމަގެއް ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މިހާރު އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވީނަމަވެސް، ރަސްމީކޮށް ސައިޓް އަދި ބަދަލުވެފައި ނުވާތީ، ސައިޓް ހަވާލުވިހާ އަވަހަކަށް އެމްޓީސީސީއާއެކު މަޝްވަރާކޮށް މަސައްކަތް އަވަސްކުރުމަށް މަސައްކަތްކުރާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

