ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ދުނިޔޭގެ ގައުމުތަކުގެ އެއްބާރުލުން މުހިންމު
ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ބައިނަލްއަގްވާމީ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސްގެ ހަތްވަނަ ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި ކަނޑުގެ ސައިންޓިފިކް ރިސާޗާއި ކްލައިމެޓް ރެޒިލިއަންސާއި ކަނޑުތަކުގެ ވެރިކަން ހަމަހަމަ ގޮތެއްގައި އިންސާފުވެރިކަމާއެކު ހިންގުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުން މުހިންމު ކަން ވެސްމިރަސްމިއްޔާތުގައި ސިޔާމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކަށް ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ މަންފާއާއި ފުރުސަތުތައް ފަހިކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މަސްވެރިކަމުގެ ވިޔަފާރި ހަރުދަނާކުރުމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ދިރިއުޅުމާއި ބައިނަލްއަގްވާމީ މާކެޓްތަކާއި ގުޅުވައިލުމަށް މޯލްޑިވްސް-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓުން ލިބޭ ފުރުސަތުތަކަށް ވެސް ޝިޔާމް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ގައުމުތަކުގެ ލީޑަރުންގެ މެދުގައި ވެވޭ ވައުދުތަކާއި ކަނޑައަޅާ އަމާޒުތަކުން، އަމަލީ ނަތީޖާއެއް ނެރުމުގެ މުހިންމު ކަމާއި މަސްވެރިންނަށް މަހުގެ އަގާއި ފެންވަރު ހިފެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ސައިންސާއި ދިރާސާކުރުމުގެ ދާއިރާއިން ހަރުދަނާކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުން މުހިންމު ކަމަށްވެސް މިނިސްޓަރު ޝިޔާމް ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.
