ދެ ގޯލުގެ ފަހަތުން އަރައި ޑެންމާކް ބަލިކޮށް، ހާލަންޑާއި އޮޑެގާޑް ނޯވޭއަށް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިދީފި.
މި މޮޅާއެކު ގްރޫޕްގެ ދެވަނަ ހޯދައި ކުއާޓާ ފައިނަލަށް ނޯވޭ ދަތުރުކުރިއިރު، އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ނަގާ ކުއާޓާ ފައިނަލްގެ ގުރުއަތުލުމުގައި ނޯވޭއާ ދެކޮޅަށް އިންގްލެންޑް ނުކުތުމުގެ ފުރުސަތު އެބައޮތެވެ.
މެޗަށް ނުކުތްއިރު ގްރޫޕްގެ ދެވަނަ މަގާމު ދިފާއުކޮށް ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދުމަށް ޑެންމާކަށް ބޭނުންވީ އެންމެ ޕޮއިންޓެކެވެ. އެގޮތުން މެޗު ފަށައިގެން ޑެންމާކުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި، މެޗުގެ ކުރީކޮޅު ދެ ގޯލުގެ ލީޑެއް ނަގާފައެވެ.
ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޯވޭއިން ވަނީ އުންމީދު އައުކޮށްފައެވެ. އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ދިން ޕްރެޝަރުގައި ޑެންމާކްގެ ގޯލްކީޕަރު މެޑްސް ހާމަންސެން އަތުން ބޯޅަ ހޯދައި، އޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން ހާލަންޑް ވަނީ ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައި ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރުމަށް ނޯވޭއިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 84 ވަނަ މިނެޓުގައެވެ. އޮޑެގާޑް ޖެހި މި ގޯލާއެކު މެޗުގެ ފަހު ވަގުތުކޮޅު ނުހަނު ފޯރިގަދަވެގެންދިޔައެވެ.
މެޗުގެ އެންމެ ބޮޑު ޑްރާމާއެއް ފެނިގެންދިޔައީ އިތުރު ވަގުތުގެ ތެރޭގައެވެ. ނޯވޭއަށް ލިބުނު ޕެނަލްޓީއަކާ ގުޅިގެން ވީއޭއާރް އިން ދިގު ވަގުތަކަށް ބެލުމަށްފަހު، މެޗުގެ 96 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ހާލަންޑް ވަނީ ނޯވޭއަށް ތާރީޚީ މޮޅެއް ހޯދައިދީފައެވެ.
މި ނަތީޖާއާއެކު ޑެންމާކް ފަހަތަށް ޖައްސާލުމަށްފަހު ނޯވޭ ގްރޫޕްގެ ދެވަނައަށް ޖެހިލިއިރު، މެންޗެސްޓާ ސިޓީގެ ފޯވާޑް ހާލަންޑް ވަނީ ޖޯޒީ ބޭލުމަށްފަހު ސަޕޯޓަރުންގެ ގާތަށް ދުވެފައި ގޮސް އުފާފާޅުކޮށްފައެވެ.
