ދެ ބޯޓް މައްސަލާގައި ކަސްޓަމްސްގެ އިހްމާލެއް އޮތްތޯ ބަލަނީ
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވާ ވިއްސާރަ ވިލާގަނޑެއްގައި ނަގިލި ކަހަލައިގެން މާލޭގެ އިރު އުތުރު ފަރާތު ފަރަށް އުރުމަށްފަހު ސިނަމާލެ ބްރިޖުގައި ޖެހުނު ދެ ބޯޓުގެ މައްސަލާގައި މޯލްޑިވްސް ކަސްޓަމްސްގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އަމިއްލަ އަށް އިސްނަގައިގެން އެކަން ބަލަށް ފަށައިފިއެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ރޭ މޫސުން ގޯސްވެގެން ހިނގި މި ހާދިސާގައި ނަގިލި ކަހާލައިގެން މާލޭގެ ފަރަށް އުރުމާއި ސިނަމާލެ ބްރިޖުގައި ޖެހުނީ ގަވާއިދާ ހިލާފަށް ރާއްޖެ ވަދެގެން އުޅޭތީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެއް ކަމަށް ކަސްޓަމްސްއާއި ހަވާލާދީ އެމްއެންޑީއެން އިން ވަނީ ބުނެފައެވެ. އެ ހާދިސާއަށް ފަހު ދެ ބޯޓު އޮޔާ ގޮސް އެ ދެ ބޯޓު ވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައި ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވާ އެ ދެ ބޯޓު އޮޔާ ގޮސް ބްރިޖަށް އުރުނު މައްސަލާގައި ކަސްޓަމްސްއިން ގާނޫނާއި ގަވާއިދާ އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ތަހުގީގުގައި ބަލާނެ ކަމަށެވެ.
