ދައުލަތުގެ ކުންފުނިތަކެއް ގުޅިގެން ކުންފުންޏެއް އުފެއްދި މައްސަލަ ބަލައިދިނުމަށް އެދިއްޖެ
ދައުލަތުގެ 3 ކުންފުންޏެއް ގުޅިގެން އުފެއްދި މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (އެމްޕީޑީ ޕީވީޓީ އެލްޓީޑީ) އުފެއްދި މައްސަލަ ބަލައިދިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅާފައިވަނީ ދައުލަތާއި އާއްމު ރައްޔިތުންނަށް ހިއްސާ ވިއްކާފައިވާ ކުންފުޏެއް ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޮގަނޭސޭޝަން ޕަބްލިކް ލިމިޓެޑާއި (އެސްޓީއޯ) މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި (އެމްޕީއެލް) ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) ގުޅިގެން އުފެއްދި އެމްޕީޑީ ޕްރައިވެޓް ލިމިޓެޑްގެ މިލްކުވެރިކަމާއި އެކުންފުންޏަށް ފައިނޭންސް ކުރުމާއި އެކުންފުނި ހިންގުމާއި ގުޅޭ ކަންކަން ބަލައި ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ފޮނުވައިދިނުމަށެވެ.
ދައުލަތުގެ ތިން ކުންފުންޏެއް ގުޅިގެން އުފައިދާފައިވާ އެޕްޕީޑީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރކީ އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަފީޤް އެވެ. އަދި ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމާއި އެޗްޑީސީގެ މެނޭޖިންގެ ޑިރެކްޓަރު ޢަލީ ޒުހައިރު ހިމެނެއެވެ. މިޑިރެކްޓަރުންގެ އިތުރުން އައްޔަން ކޮށްފައިވާ ޑިރެކްޓަރުންނަކީ މުޙައްމަދު ނިޒާމް އާއި އަޙްމަދު ސާލިމް އަދި މުޙައްމަދު ލައްމާން އެވެ.
މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ފާހަގަ ކޮށްފައިވާ ގޮތު 24 އޮގަސްޓްގައި އުފައިދާފައިވާ ކުންފުނި އުފެއްދުމުގައި ސުވާލު އުފެދޭ ކިތަންމެ ކަމެއް ހުރިކަން ފާހަގަކޮށް އެކަންކަން ރައްޔިތުންގެ މަޖިލީގެ ފަރާތުން އޮޅުންފިލުވައި ދިނުމަށް އެދިފައިވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އޮޅުން ފިލުވުމަށާއި ކުންފުނި އުފެއްދުމުގެ މުޢާމަލާތް ދިރާސާ ކުރުމަށް ދައުލަތުގެ ފައިސާ ހޭދަކުރުމާ ގުޅޭ ކަންކަމަކީ މާލިއްޔަތު ކޮމިޓީގެ ދައުރެއް އޮންނަ ކަމަކަށް ވާތީ ދައުލަތުގެ ފައިސާ ހޭދަކުރުމާ ގުޅޭ ބައިތައް މާލިއްޔަތު ކޮމިޓީން ބެލުމަށް ފޮނުވައި ދިނުމަށް އެދުމަށާއި ކުންފުނި އުފެއްދި ލިޔެކިޔުންތަކާއި ހިންގާ ގަވާއިދާއި ހިއްސާދާރުންގެ އެއްބަސްވުންތަކާއި ބޯޑު ގަރާރުތަކާއި ޕީސީބީ އާއި ފިނޭންސް މިނިސްޓްރީގެ ހުއްދަތަކާއި ކޯޕަރޭޓް ޕްލޭންތަކާއި، ފީޒިބިލިޓީ ސްޓަޑީޒްއާއި ފައިނޭންސް ކުރި ގޮތުގެ ތަފްސީލުތައް، މި ދިރާސާގެ ބޭނުމަށް ހޯދުމަށް މެންބަރު ޝާކިރުގެ ސިޓީގައި ވަނީ އެދިފައެވެ. މިގޮތުން
1- މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އުފައްދައި އިންވެސްޓްކުރުމުގައި އަމަލުކޮށްފައިވާ ގާނޫނީ އިޖުރާއަތްތަކާއި ކުންފުނި އުފެއްދުމަށް އެސްޓީއޯ، އެމްޕީއެލް އަދި އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ދީފައިވާ ހުއްދަތައް
2- ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި، މިނިސްޓްރީ އޮފް ފައިނޭންސް ނުވަތަ ހުއްދަ ހޯދަންޖެހޭ އެހެނިހެން ފަރާތްތަކުން ހޯފާދައިވާ ހުއްދަތައް
3- ކުންފުނި އުފެއްދުމާއި އިންވެސްޓްކުރުމަކީ އެސްޓީއޯ، އެމްޕީއެލް އަދި އެޗްޑީސީން ފާސްކޮށްފައިވާ ކޯޕަރޭޓް ޕްލޭންތަކުގައި ހިމެނޭ ކަމެއްތޯ
4- އެސްޓީއޯ، އެމްޕީއެލް އަދި އެޗްޑީސީ ކުރެ ކޮންމެ ހިއްސާދާރަކު ދީފައިވާ ނުވަތަ ދޭން އެއްބަސްވެފައިވާ ރައުސްމާލާއި، މުދަލާއި، ގެރެންޓީއާއި، ލޯނާއި، މުވައްޒަފުން އަދި އެހެނިހެން ވަސީލަތްތަކުގެ ތަފުސީލު
5- މި ކުންފުނި އުފެއްދުމަށް ބޯޑުތަކުން ނިންމިއިރު ބަލާފައިވާ ވިޔަފާރީގެ މަންފާއާއި ފީޒިބިލިޓީ ސްޓަޑީޒްތައް
6- މި ކުންފުނި އުފެއްދުމުގައި ކުންފުނިތަކާ ބެހޭ ގާނޫނާއި، ޕީސީބީގެ އުސޫލުތަކާއި، މާލިއްޔަތު ގަވާއިދުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރަންޖެހޭ ކޯޕަރޭޓް ގަވަނަންސް އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ
7- މެނޭޖިން ޑިރެކްޓަރާއި ބޯޑު މެންބަރުން އައްޔަންކުރި ގޮތާއި، އެކަމުގައި މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް އޮތްތޯ
8- މި ކުންފުނިން މުދަލާއި ޚިދުމަތް ހޯދުމުގައި (ޕްރޮކިއުމަންޓް) އަމަލުކުރާ އުސޫލުތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކެކޭ އެއްފަދަ ރައްކާތެރި އުސޫލުތަކެއްތޯ
9- މި ކުންފުންޏަކީ ޕީސީބީ އާއި އޮޑިޓަރ ޖެނެރަލްގެ ބެލުމުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކުންފުންޏެއްތޯ
10- މިފަދަ އޮނިގަނޑެއްގެ ދަށުން ކުންފުނި އުފެއްދުމުގެ ސަބަބުން، ދައުލަތުގެ މުދަލާއި، ހޭދައާއި، ދަރަންޏާއި ޕްރޮކިއުމަންޓް ކަންކަން، ސަރުކާރު ކުންފުނިތަކުން ޖަވާބުދާރީވާންޖެހޭ އާންމު ނިޒާމުން ބޭރުވެފައިވޭތޯ
11- މިހާރު ހުރި ތިން ކުންފުންޏެއް ގުޅިގެން އިތުރު ކުންފުންޏެއް އުފެއްދުމަކީ، ކުންފުނިތައް މަދުކޮށް، ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ފުށުއަރާ ކަމެއްތޯ ބަލައި ދިނުމަށެވެ.
ޝާކިރު ފާހަގަ ފާހަގަ ކުރެއްވި ގޮތުގައި އެމްޕީޑީގެ ހިއްސާ އޮންނަނީ ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްކަމުން އެ ކުންފުނިތަކުގެ ރައުސުލްމާލު ބޭނުންކޮށްގެން އަލަށް ޕްރައިވެޓް ކުންފުންޏެއް އުފެއްދުމަކީ ދައުލަތުގެ މިލްކު މުދަލެއްގެ ތަބީއަތް ބަދަލުކުރުމަށް މަސައްކަތްކުރުން ކަމަށާއި އެއްވެސް ގާނޫނަކާ ނުވަތަ މާލިއްޔަތު ގަވާއިދަކާ ނުވަތަ ކޯޕަރޭޓް ގަވަނަންސް އުސޫލަކާ ޚިލާފު ކަމެއް ފާހަގަކުރެވިއްޖެނަމަ، މަޖިލީހަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އެޅުމަށާއި، އޮޑިޓާ ޖެނެރަލާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ އިދާރާތަކަށް ފޮނުވަންޖެހޭ ކަންކަން ފޮނުވައިދިނުމަށް ވެސް އެމްޕީގެ ސިޓީގައި އެދިލައްވާފައިވެއެވެ.

