Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ދައުލަތުގެ އާމްދަނީއަށް ނުބަލައި މުސާރަ ބޮޑުކޮށްފިނަމަ ތަކެތީގެ އަގު އުފުލި، ދިރިއުޅުމުގެ ޚަރަދު ބޮޑުވެދާނެ: ފިނޭންސް މިނިސްޓްރީ

ދައުލަތުގެ އާމްދަނީއަށް ނުބަލައި މުސާރަ ބޮޑުކޮށްފިނަމަ ތަކެތީގެ އަގު އުފުލި، ދިރިއުޅުމުގެ ޚަރަދު ބޮޑުވެދާނެ: ފިނޭންސް މިނިސްޓްރީ
Photo: Parliament
ތަފްޞީލް

ދައުލަތަށް ލިބޭ އާމްދަނީއަށް ރިއާޔަތް ކުރުމެއް ނެތި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިނަމަ، ބާޒާރުގައި ތަކެތީގެ އަގު އުފުލި، ދިރިއުޅުމުގެ ޚަރަދު ބޮޑުވެ، އާންމު ރައްޔިތުންނަށް އިތުރު މާލީ ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ފިނޭންސް މިނިސްޓްރީގެ ބަޖެޓް އޮފީހުން ދީފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަދައްކަވަމުން، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބަޖެޓް އޮފީހުގެ ފިސްކަލް ޑިޕާޓްމަންޓުގެ ވެރިޔާ އަޙްމަދު ސަޢީދު މުޞްޠަފާ ވިދާޅުވީ، ސަރުކާރު މުވައްޒަފުންގެ މުސާރައަށް ގެންނަ ކޮންމެ ހެޔޮ ބަދަލަކީ ވެސް ގައުމުގެ މާލީ ހާލަތަށް ބަލައިގެން، ހަމަހަމަ އުސޫލަކުން ގެންނަންޖެހޭ ބަދަލަކަށް ވާންޖެހޭ ކަމަށެވެ.


ސިވިލް ސާވިސް މުވައްޒަފުންގެ މިހާރުގެ މުސާރައިގެ އޮނިގަނޑާ މެދު އާންމުންގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަޢީދު ވަނީ އެ ކަންބޮޑުވުންތައް ގަބޫލުކުރައްވާފައެވެ. ނަމަވެސް، މުސާރަތައް ކަނޑައެޅުމުގައި ސަރުކާރުން ޚަރަދުތައް ކޮންޓްރޯލްކޮށް، ޒިންމާދާރުކަމާއެކު އަމަލުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.


"މުސާރަ ބޮޑުވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއް ނަމަވެސް، އެކަން ކުރަންޖެހޭނީ ދެމެހެއްޓެނިވި ގޮތެއްގައި. އެހެން ނޫންނަމަ، މުސާރަ ބޮޑުވާ މިންވަރަށްވުރެ މާ ބާރަށް ރަށްރަށާއި މުޅި ގައުމުގައި ތަކެތީގެ އަގު އުފުލިގެންދާނެ،" ކޮމިޓީގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވިއެވެ.


ބަޖެޓުގެ ދަތިކަމާއި ދަރަނި ނެގުމުގެ ނުރައްކާ

މިކަމުގެ ފަހަތުގައިވާ އިގްތިސާދީ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން ސަޢީދު ވިދާޅުވީ، ދައުލަތަށް އަހަރަކު ލިބޭ އާމްދަނީ އާންމުގޮތެއްގައި ހިފެހެއްޓިފައި ހުންނަނީ ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށް ކަމަށެވެ. ބަޖެޓުގައި ކަނޑައަޅާފައިވާ އާމްދަނީއަށްވުރެ އިތުރަށް ޚަރަދުކުރާނަމަ، މުސާރަ ދިނުމަށް ހުރި ފައިސާ މަދުވެ، ސަރުކާރަށް ދަރަނި ނަގަން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ދަރަނި ނެގުން އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ:

  • ފައިސާ އިތުރުވުމާއި ޑޮލަރުގެ ޑިމާންޑް އުފުލުން: ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ނަމަވެސް ދަރަނި ނަގާ ކޮންމެ ފަހަރަކު، ބާޒާރުގައި ދައުރުވާ ދިވެހި ރުފިޔާގެ އަދަދު އިތުރުވެ، އެއާއެކު އެމެރިކާ ޑޮލަރަށް އޮންނަ ޑިމާންޑް ވެސް މަތިވެގެންދެއެވެ.
  • ދިގު މުއްދަތުގެ އިންޓަރެސްޓް ދެއްކުމުގެ ބުރަ: ބޭރު ފައިސާއިން ލޯނު ނެގުމުގެ ސަބަބުން ދިގު މުއްދަތަކަށް އިންޓަރެސްޓް ދައްކަން ސަރުކާރަށް މަޖުބޫރުވެއެވެ. މިކަމުގެ މިސާލެއް ދައްކަވަމުން ސަޢީދު ވިދާޅުވީ، 2017 ވަނަ އަހަރު ބޭރުން ނެގި ލޯނެއް އެއްކޮށް ދައްކައި ޚަލާސްކުރެވުނީ ވެސް މިއަހަރު ކަމަށެވެ.


"ބޭރު ފައިސާއިން ލޯނު ނެގުމުން ދިމާވާ ގޮތަކީ އެއީ. އެތެރޭގެ ބާޒާރުން ދަރަނި ނަގާ މިންވަރު އިތުރުވާ ވަރަކަށް، އަމިއްލަ ފަރާތަކުން ނުވަތަ ސަރުކާރުން ނަމަވެސް ލޯނެއް ނަގާ ކޮންމެ ފަހަރަކު ބާޒާރުގައި ހުރި ފައިސާގެ އަދަދު އިތުރުވޭ. ހަމައެއާއެކު، ޑޮލަރަށް އޮންނަ ޑިމާންޑް ވެސް އިތުރުވޭ،" ސަޢީދު ވިދާޅުވިއެވެ.


ނިންމަވާލައްވަމުން ސަޢީދު ވަނީ، މުސާރަ ބޮޑުކުރުމުގެ ސިޔާސަތުތަކަކީ މުޅި އިގްތިސާދަށް ކުރާނެ ފުޅާ އަސަރުތަކަށް ބަލައިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ކަމެއްކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #92027 Registration Open!Robotics · Python · AI · Design & 3D · Digital marketing
  • Robotics for kids & teens
  • Python programming
  • Artificial intelligence
  • Design, 3D & multimedia
☎ 777 4147Register now →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all