ދަރުމަވަންތަ ހޮސްޕިޓަލުގައި ރާއްޖޭގެ ފުރަތަމަ ނެވިގޭޝަން ޓެކްނޮލޮޖީ ބޭނުންކުރި، ބްރޭން ސާޖަރީ ކާމިޔާބު
މާލެ، 29 ސެޕްޓެމްބަރ - ދަރުމަވަންތަ ހޮސްޕިޓަލް ގެ ނިއުރޯސާޖަރީ ޓީމުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހަރުދަނާ ނެވިގޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާމިޔާބު ކަމާއިއެކު ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
ނިއުރޯ ނެވިގޭޝަން ނުވަތަ ސާޖިކަލް ނެވިގޭޝަން އަކީ ސިކުނޑިއަށް ޚާއްސަކޮށްފައިވާ ޖީޕީއެސް ސިސްޓަމެއްގެ ގޮތަށް މަސައްކަތް ކުރާ ޓެކްނޮލޮޖީއެކެވެ.
މި އައު ޓެކްނޮލޮޖީއަކީ ސާޖަރީ ކުރާ އިރު ޑޮކްޓަރުންނަށް ސިކުނޑިގެ ތެރޭގެ މުހިންމު ބައިތަކާއި ނާޒުކު ސަރަހައްދުތައް ފޮތެއްގެ މެޕެއް ބަލާހެން ބަލައި ހޯދުމުގެ ފުރުސަތު ދޭ ނިޒާމެކެވެ. މިގޮތުން އޮޕަރޭޝަން ކުރުމުން ސިކުނޑިޔަށް އޮޕަރޭޝަނުން ކުރާ އަސަރު ކުޑަކޮށް، އޮޕަރޭޝަން ކުރާ ސަރަހައްދު ޑޮކްޓަރަށް އިތުރަށް ސާފުކޮށް ފެނުމުގެ ފުރުސަތު ލިބިގެންދެއެވެ.
މިފަދަ ނެވިގޭޝަން ނިޒާމުތައް ސިކުނޑީގެ ޓިއުމަރާއި ނާޒުކު ނިއުރޯލޮޖިކަލް ކޮންޑިޝަންތަކާއި، އަދި މުހިންމު ސާޖަރީތައް ކުރުމަށް ދުނިޔޭގެ ފެންވަރުމަތީ ހޮސްޕިޓަލް ތަކުގައި މިހާރު ބޭނުން ކުރަމުން ގެންދެއެވެ.
މި ކާމިޔާބުތަކީ ދިވެހިރާއްޖޭގެ ނިއުރޯސާޖަރީ އަދި ހައިއެންޑް މެޑިކަލް ސަރވިސްތަކުގެ ތަރައްޤީގައި މުހިންމު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. މިއާއެކު، ކުރިން ބޭރު ޤައުމުތަކަށް ފޮނުވަން ޖެހޭ ބައެއް ނާޒުކު ސިކުނޑީގެ މައްސަލަތައް މާލޭގައި ފަރުވާދިނުމުގެ ފުރުސަތު ފަހިވެގެން ކަމަށް އުންމީދު ކުރެވެއެވެ.
ނެވިގޭޝަން ބޭނުންކުރާ ބްރޭން ސާޖަރީ ހިނގާ ގޮތް
1. ސާޖަރީގެ ކުރިން ސްކޭން ހެދުން
އޮޕަރޭޝަން ހިންގުމުގެ ކުރިން ބްރޭންގެ ތަފްޞީލީ ފޮޓޯތައް ހޯދުމަށް MRI ނުވަތަ CT ސްކޭން ހެދެއެވެ. މި ސްކޭންތަކުން ޑޮކްޓަރުންނަށް ބްރޭންގެ ތެރޭގެ ހާލަތު ސާފުކޮށް އެނގިގެން ދެއެވެ.
2. ބްރޭންގެ 3D މޮޑެލްއެއް ހެދުން
ސްކޭންތަކުން ލިބޭ މަޢުލޫމާތު ކޮމްޕިއުޓަރު ނިޒާމަކަށް ލޯޑުކޮށް، ބަލި މީހާގެ ބްރޭންގެ 3D މޮޑެލެއް އުފެއްދެއެވެ.
3. ސާޖަރީ ހިންގުމުގައި ނެވިގޭޝަން
އިންފްރަރެޑް ކެމެރާ ނުވަތަ ޚާއްޞަ ޓްރެކިންގ ނިޒާމުތަކުން ސާޖަރީގައި ބޭނުންކުރާ ތަކެތި ހުންނަ ސީދާ ލޮކޭޝަން ޑިޖިޓަލީ ދައްކާދެމުން ދާނެއެވެ. މިގޮތުން ޑޮކްޓަރުންނަށް ސިކުނޑީގައި މަސައްކަތް ކުރަމުން ގެންދާތަން އެގެން ހުންނާނެއެވެ.
