ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާކުރަނީ
ދިގުމުއްދަތަކަށް ބެސްފަރުވާ ކުރަމުންދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސްތައް ލިބުމުގައި ކުރިމަތިވަމުން އަންނަ ދަތިތައް ހައްލުކުރުމުގެ ގޮތުން، އެކި ރަށްތަކުގައި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ސީދާ އަދަދު ދެނެގަތުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ކަމަށް ސަރުކާރު ބޭސްފިހާރައިގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޝާހު މާހިރު ވިދާޅުވެއްޖެއެވެ. މި މަސައްކަތް ނިމުމުން އެ ރަށްތަކަށް ބޭސް ހަމައަށް ފޯރުކޮށްދިނުމަށް ފަސޭހަވާނެކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
މިސަރުކާރުން އަލަށް އުފެއްދި ބޭސް ކުންފުނި، ސްޓޭޓްފާމާގެ ވެއާހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ، ރާއްޖޭގައި މި ވަގުތު އެންމެ އާންމު ބަލިތަކަކީ ކޮބައިކަން ޑަބްލިއުއެޗްއޯ އާއި ހެލްތު މިނިސްޓްރީއާ ގުޅިގެން ކޮށްފައިވާ ދިރާސާއަކުން ދެނެގަނެވިފައިވާ ކަމަށެވެ.
މި ވަގުތު ކުރިއަށްދަނީ އެކި ހިސާބުތަކުގައި ތިބި ބަލި މީހުންގެ ސީދާ އަދަދު ދެނެގަތުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން، ބޭސް އިސްރާފުވުން މަދުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ޑިޖިޓަލްކޮށް މިހާރު ދެނެގަނެވޭކަމަށާއި، މި ވަގުތު ކުރިއަށްދަނީ ބޭސްތައް އެފިޝެންޓުކޮށް ފޯރުކޮށްދިނުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އެންމެ އާންމުކޮށް އުޅެނީ ހަކުރު ބައްޔާއި ކެންސަރުގެ އެކި ވައްތަރުތައް ފަދަ ކްރޮނިކް ބަލިތަކެވެ. އެފަދަ ބަލިތަކަށް ބޭނުންވާ ބޭސްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝާހު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އޭނާ ވަނީ ރާއްޖޭގެ އެކި ރަށްރަށަށް ބޭނުންވާ ޒަރޫރީ ބޭހާއި ލެބޯޓްރީ ސާމްޕަލްތައް އަވަހަށް ފޯރުކޮށްދިނުމަށް ޓަކައި، ޑްރޯން ބޭނުންކޮށްގެން ޑެލިވަރީ ކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަންވެސް ފާހަގަކުރައްވާފައެވެ.
ފަހަކަށް އައިސް އެކިބަލިތަކަށް ބޭނުންވާ ބޭސް މާލޭގެ ބޭސްފިހާރަތަކުންނާއި އަތޮޅުތެރޭގެ ބޭސްފިހާރަތަކުން ނުލިބިގެން ގިނައަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
