ޑީޕޯޓްކުރަން އެއާޕޯޓަށް ގެންދިއުމުން ޕާސްޕޯޓު ވީދާލި ބަންގްލަދޭޝް މީހާ 15 ދުވަހަށް ބަންދުކޮށްފި
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔުމުގެ ސަބަބުން ގައުމަށް ފޮނުވާލުމަށް (ޑީޕޯޓުކުރުމަށް) ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދިއުމުން، އަމިއްލަ ޕާސްޕޯޓު ވީދާލި ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝޭހް އެމްޑީ މަސުމް ލަތިފް (Sheikh MD Masum Latif) އެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށެވެ.
މައްސަލައިގެ ތަފްސީލާއި ހެކި
ކޯޓު އަމުރުގައިވާ ގޮތުން މަސުމް ލަތިފްއަކީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި އުސޫލުތަކާ ހިލާފަށް އުޅެމުންދިޔަ މީހެކެވެ. އިމިގްރޭޝަނުގެ ބެލުމުގެ ދަށުން އޭނާ ފުރަން އެއާޕޯޓަށް ގެންގޮސް، އިމިގްރޭޝަނުގެ ސެލްގައި ބެހެއްޓުމުން އޭނާ ވަނީ ޕާސްޕޯޓު ވީދާލާފައެވެ.
އޭނާގެ ބަންދަށް 15 ދުވަސް ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ކާފީ މިންވަރަކަށް ހެކި ހުށަހަޅާފައިވާތީއެވެ. އެގޮތުން، މައްސަލައިގެ ސީނަށް ދިޔަ ފުލުހުން ތައްޔާރުކުރި ހާދިސާ ރިޕޯޓާއި، މޯލްޑިވްސް އިމިގްރޭޝަނުގެ އިންސިޑެންޓް ރިޕޯޓު ކޯޓަށް ހުށަހަޅާފައިވެއެވެ.
ނަފްސާނީ އެސެސްމަންޓް
މަސުމް ލަތިފް ހައްޔަރުކުރުމަށްފަހު އޭނާގެ އަމަލުތައް ހުރި ގޮތުން ނަފްސާނީ ބަލިކަމެއް ހުރެދާނެ ކަމަށް ބެލެވިގެން އޭނާގެ ނަފްސާނީ އެސެސްމަންޓެއް ހަދާފައިވާކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، އެސެސްމަންޓް ރިޕޯޓަށް ބަލާއިރު އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް، ތަހުގީގު ކުރިއަށް ގެންގޮސް ޖިނާއީ ދައުވާ ކުރުމަށް ހުރަހެއް އޮތް ކަމަށް ފާހަގަވެފައި ނުވާކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
