ޑަޔަމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށް ލުމަށާއި ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
ޑަޔަމޯފިން (ހެރޮއިން) ވިއްކައި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދިވެހި ފިރިހެނަކު 24 އަހަރާއި 11 މަހަށް ޖަލަށް ލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވައިފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އައިސްފައިވަނީ ތ. ގުރައިދޫ، ޝަޔާލް ބިން ރިޟްވާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ މާލޭގެ ހ.ޕިޔާޒް އަވަށުގައި ސައިކަލެއްގެ ދަށުގައި މަސްތުވާތަކެތި ފޮރުވައިގެން ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ ސައިކަލު ދަށުން ކޮތަޅެއް ނަގަނިކޮށް އަތުލައިގަތް މައްސަލައިގައެވެ.
ފުލުހުން އެ ކޮތަޅު ފާސްކުރިއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ޑަޔަމޯފިންގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ވަސީލަތްތައް ފެނިފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ހެކިތަކުން ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އޭނާ 24 އަހަރާއި 11 މަހާއި 29 ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު، 100,000 (އެކު ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކައި ހަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.
