ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރުކަމަށް ރާއްޖެއިން ޑރ. ޖަމްޝީދުގެ ނަން ހުށަހަޅައިފި
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް، ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ދިވެހި ސަރުކާރުން ރަސްމީކޮށް ހުށަހަޅައިފި އެވެ.
10 ގައުމެއް ހިމެނޭ މި ސަރަހައްދުގެ އިސް މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހަށް ހަމަވިއިރު، ޑރ. ޖަމްޝީދާއެކު ޖުމްލަ ހަތަރު ބޭފުޅަކު ވަނީ މި މަގާމަށް ވާދަކުރެއްވުމަށް ކުރިމަތިލައްވާފަ އެވެ.
މި މަގާމަށް ދެން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ:
- ބޫޓާން: ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ހެލްތު މިނިސްޓަރު ސަންގޭ ނެޑުޕް
- ނޭޕާލް: ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާސްރީ
- ސްރީ ލަންކާ: ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭ
ޑރ. ޖަމްޝީދުގެ ތަޖުރިބާ އާއި ޚިދުމަތްތައް ސިއްހީ ދާއިރާ އާއި ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމެސީގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ދިގު ތަޖުރިބާ ހޯއްދަވާފައިވާ ޑރ. ޖަމްޝީދަކީ ޑަބްލިއުއެޗްއޯގެ އެތެރޭގައި ވެސް 12 އަހަރު ވަންދެން މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޭނާ މިހާރު ހުންނެވީ ބަންގްލަދޭޝްއަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގަ އެވެ. މީގެ ކުރިން އޭނާ ވަނީ ނޯތު ކޮރެއާގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބުގެ މަގާމާއި، ބަންގްލަދޭޝްގައި ހުންނަވާ މަންދޫބުގެ ނައިބުގެ މަގާމުގެ އިތުރުން، ޑަބްލިއުއެޗްއޯ ސީރޯގެ ރީޖަނަލް އެޑްވައިޒަރުކަން ވެސް ކުރައްވާފަ އެވެ.
ބައިނަލްއަގުވާމީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން ޑރ. ޖަމްޝީދު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރެއްވުމަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން، 2012 އިން 2013 އަށް ރާއްޖޭގެ ހެލްތު މިނިސްޓަރުކަން ކުރެއްވިއިރު، އޭގެ ކުރިން ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން އާންމު ސިއްހަތުގެ ދާއިރާ ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
ތައުލީމީ ހަޔާތް ފުވައްމުލަކަށް އުފަން ޑރ. ޖަމްޝީދު މެޑިކަލް ޑޮކްޓަރުކަން (އެމްބީބީއެސް) ހާސިލްކުރެއްވީ އިންޑިއާގެ އިންދިރާ ގާނދީ ގަވަމަންޓް މެޑިކަލް ކޮލެޖުންނެވެ. އަދި އޭގެ ފަހުން އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން ވަނީ މާސްޓާ އޮފް ޕަބްލިކް ހެލްތު (އެމްޕީއެޗް) ހާސިލްކުރައްވާފަ އެވެ.

