ޗައިނާގައި ކުރިއަށްދާ މުބާރާތުގައި ހޮންގް ކޮންގް ބަލިކޮށް ރާއްޖޭގެ ފުޓްސަލް ޓީމުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި
ޗައިނާގެ އިންޗުއާންގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި، 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޮންގް ކޮންގް ބަލިކޮށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
މިއަދު ކުޅެވުނު މި މެޗުގައި ރާއްޖޭގެ ޓީމުން ވަނީ މުޅި މެޗު ފުރިހަމައަށް ކޮންޓްރޯލްކޮށް، ހުނަރުވެރި ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އިޝާން އިބްރާހީމް (ސައްޓު)، މުހައްމަދު ސާދް އަދި ޝަނާން ވަނީ މީގެއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. މީގެ އިތުރުން ރާއްޖޭގެ އަނެއް ލަނޑަކީ ހޮންގް ކޮންގްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މިއީ އިރުމަތީ އޭޝިއާގެ ވަރުގަދަ ފުޓްސަލް ގައުމެއްގެ މައްޗަށް ރާއްޖެއިން ބައިނަލްއަގުވާމީ މުބާރާތެއްގައި މިހާތަނަށް ހޯދި އެންމެ ތަފާތު ބޮޑު ރެކޯޑު މޮޅެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ މުބާރާތް ބާއްވާ ޗައިނާއާއި، ދެކުނު ކޮރެއާ އަދި ހޮންގް ކޮންގްއެވެ. ފުރަތަމަ މެޗަށްފަހު، ރާއްޖޭގެ ކުޅުންތެރިން ވަނީ ދެވަނަ މެޗަށް ނުކުމެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، އެޓެކިންގް ފުޓްސަލްއެއް ދައްކާފައެވެ. އެންމެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ދެކުނު ކޮރެއާ އަތުން 5-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖެއަށް ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ސާދް އެވެ.
މުބާރާތުގެ ކުރިއަށްހުރި މެޗުތަކުގައި ރާއްޖެއިން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.
