ބޯލިންގެ އެރީނާއަކާއި ގޭމިން އާކޭޑެއް ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދަށް
ހުޅުމާލޭގައި ކުރަން ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ހުޅުމާލެ ރުއްގަނޑު ސަރައްހައްދުގައި 10 ލޭންގެ ބޯލިން އެލީއަކާއި ގޭމީން އާކޭޑެއް ތަރައްގީކުރަން އެޗްޑީސީން ނިންމައިފިއެވެ. މިތަނުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މުނިފޫހިފިލުވާލެވޭނެ އިތުރު ވަސީލަތްތައް ތަރައްގީކޮށް އާއިލާތަކަށް އުފާވެރި ހިތްހަމަޖެހޭނެ މާހައުލެއް ގާއިމްކޮށްދިނުމެވެ. މީގެ އިތުރުން މިސަރަހައްދުގައި މުނިފޫހިފިލުވުމުގެ އިތުރު ހަރަކާތްތައް ބޭއްވޭނެ އިންތިޒާމުތަކާއި އަދި މަލްޓި ޕާރޕޯސް ހޯލެއްވެސް ތަރައްގީކުރަން ހަމަޖެހިފައިވެއެވެ.
އަދި އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މިސަރަހައްދު ތަރައްގީކުރާއިރު މޫދަށް އެރޭ ފަރާތްތަކަށް ފެންވެރޭނެ އިންތިޒާމާއި ލޮކަރުތަކާއި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕާކުކުރެވޭނެ ގޮތަށް ވަސީލަތްތައް ތަރައްގީކުރެވިގެންދާނެއެވެ. އަދި މިސަރަހައްދު ތަރައްގީކުރާއިރު ވީހާވެސް ބޮޑަށް ތިމާވެއްޓަށް ގެއްލުމެއް ނުވާނެ ގޮތަކަށް މިހާރުވެސް މިސަރަހައްދުގައި ހުރި ގަސްތަކާއި ރުއްތައް ނުނަގައި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
