ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން މިނިވަންކަމަށް އުނިކަމެއް ނާންނާނެ، އިޤްތިޞާދު ވަނީ ވަރުގަދަ: ނަޝީދު
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިޢުމާރީ އަޅުވެތިކަމުން މިނިވަންވި ޤައުމުތަކުގެ ތެރެއިން ތަރައްޤީގެ ކުރިބޯށްޓަށް ވާސިލުވެވުނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލި ޤައުމުތަކަށް ކަމަށެވެ. ނަމަވެސް، އެފަދަ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ޤުދުރަތީ ވަސީލަތްތައް ނެގުމަށް އަމާޒުކުރެވޭ ކަންކަމަށް ވުމުގެ ބަދަލުގައި، އުފެއްދުންތެރިކަން އިތުރުކޮށް އިޤްތިޞާދަށް އައު ދިރުމެއް ގެނުވާ ފަދަ މަޝްރޫޢުތަކަކަށް ވާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިސާލު ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ޤައުމުތަކުގެ އިސްތިޤްލާލަށް އެއްވެސް ބުރޫއެއް އަރާފައި ނުވާއިރު، ބައިނަލްއަޤްވާމީ މައިދާނުގައި އެ ޤައުމުތަކުގެ ބަސް ވިކޭ މިންވަރު ވަނީ އިތުރުވެފައެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވާ ރަސްމާލެ 'ވޯޓާފްރަންޓް އެންޑް މެރީނާ' ބިޔަ މަޝްރޫޢާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ. އެމް.ޑީ.ޕީގެ ބައެއް މެންބަރުންނާއި "ޤައުމީ ހަރަކާތް" ނަމުގައި އިދިކޮޅު ޕާޓީތަކުން މި މަޝްރޫޢު ހުއްޓުވުމަށާއި، މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލަމުންދިޔަ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެފަދަ ވޯޓަކަށް ނުދާނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި އަމިއްލަ ޕާޓީގެ ބައެއް އިސް ބޭފުޅުންނާ ޚިޔާލު ތަފާތުވެ، ނަޝީދު ގެންދަވަނީ ރަސްމާލެ މަޝްރޫޢަށް ފުރިހަމައަށް ތާއީދުކުރައްވަމުންނެވެ. އަދި ބޭރުގެ ބޮޑެތި އިންވެސްޓަރުންނާއި ޔޫ.އޭ.އީ ފަދަ އެކުވެރި ޤައުމުތަކާ ދެކޮޅަށް ވާހަކަދެއްކުމަކީ ސިޔާސީ ގޮތުން ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، އެފަދަ ކަންކަމުން ދުރުހެލިވުމަށް އެމަނިކުފާނު ވަނީ އެމް.ޑީ.ޕީގެ މެންބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.