Business Featured

ބޭރު ޓީޗަރުންގެ ޕްރައިވެޓް ޓިއުޝަން، ފޮރިން އެކްސްޗޭންޖް އަދި ތަޢުލީމީ އިންސާފު: ރާއްޖޭގެ މުޖުތަމަޢު ބަހުސްކުރަން ޖެހޭ މައްސަލައެއް

Advertisement
ބޭރު ޓީޗަރުންގެ ޕްރައިވެޓް ޓިއުޝަން، ފޮރިން އެކްސްޗޭންޖް އަދި ތަޢުލީމީ އިންސާފު: ރާއްޖޭގެ މުޖުތަމަޢު ބަހުސްކުރަން ޖެހޭ މައްސަލައެއް
Photo: Education Ministry
ތަފްޞީލް

ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދީފައިވާ އެއްބަޔަކީ ބޭރު ޓީޗަރުންނެވެ. މިއީ ދެބަސްވުމެއްނެތް ޙަޤީޤަތެކެވެ. ބޭރު ޓީޗަރުންގެ އެހީ ނުވަތަ ޚިދުމަތަކީ އަގުނުކުރެވޭ ވަރުގެ ބޮޑު ޚިދުމަތެކެވެ. މިއަދު ދިވެހި މިޖީލުގައި ހިމެނޭ ގިނަމީހުންނަކީ ބޭރު ޓީޗަރުންގެ ބުރަމަސައްކަތާއި އެހީގައި ތަޢުލީމު ޙާސިލު ކޮށްފައިވާ މީހުންނެވެ. ނަމަވެސް، މިއާ އެކު ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ފުޅާވެފައިވާ، އަދި ފުޅާވަމުންދާ ޕްރައިވެޓް ޓިއުޝަން ވިޔަފާރިއާއި ގުޅޭގޮތުން ތަޢުލީމީ، އިޤްތިސާދީ އަދި ޤާނޫނީ މުހިންމު ސުވާލުތަކެއް ދަނީ އުފެދެމުންނެވެ.


ރަސްމީ ހިސާބުތަކުން ދައްކާ ގޮތުން، ދިވެހިރާއްޖޭގެ ސްކޫލުތަކުގައި އަދިވެސް ގިނަ އަދަދެއްގެ ބޭރު ޓީޗަރުން މަސައްކަތް ކުރަމުން ގެންދެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ސަރުކާރުގެ ސްކޫލްތަކަށް ދިވެހި ޓީޗަރުން ހޯދުމުގެ ޚާއްސަ މަސައްކަތް ތަކެއް ސަރުކާރުތަކުން ކުރަމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އަދިވެސް ގިނައަދަދެއްގެ ބޭރު ޓީޗަރުން ދަނީ ސަރުކާރު ސްކޫލްތަކުގައިވެސް މަސައްކަތް ކުރަމުންނެއެވެ. ޕްރައިވެޓް ސްކޫލް ތަކުގައިވެސް ގިނައީ ބޭރު ޓީޗަރުންނެވެ.


އިންސާފާ ބެހޭ ސުވާލު

މި ބަހުސުގެ އަސްލު ނުކުތާއަކީ ޕްރައިވެޓް ޓިއުޝަން ރަނގަޅުތޯ ނުވަތަ ނޫންތޯ ބުނުމެއް ނޫނެވެ. މައިންބަފައިންނަކީ އަބަދުވެސް ދަރިންނަށް އުގަންނައިދިނުމަށް އިތުރު އެހީ ހޯދައިދޭ ބަޔެކެވެ. ދަރިންގެ މުސްތަޤުބަލަށްޓަކައި އެތަށް ޤުރުބާނީއެއް ވަމުން ގެންދާބައެކެވެ. ގިނަ މާއްދާތަކުން ޓިއުޝަން ދިނުމަށް އެކި ގޭގެޔަށް ގްރޫޕް ޓިއުޝަނަށް މައިންބަފައިން ދަރިން ގެންދެއެވެ. އަދި ޓިއުޝަންދޭ ރަސްމީ ތަންތަނަށްވެސް ގެންދެއެވެ.

ނަމަވެސް އުފެދޭ ސުވާލަކީ، ސްކޫލް ތަކުގައި ކުލާހެއްގައި އެތަށް ކުދިންނެއް ކިޔަވަމުން ގެންދާއިރު، އެހުރިހާ ކުދިންނަކީ ސްކޫލުގައި  ކިޔަވައިދޭން އަންނަ ޓީޗަރު ޕްރައިވެޓްކޮށް ގެޔަށް ގެނެސްގެން ޓިއުޝަން ނެގޭވަރުގެ ތަނަވަސް ޢާއިލާތަކުގެ ކުދިންތޯއެވެ؟ ހުރިހާ ކުދިންނަކީ އެފަދަ ތަނަވަސް އާއިލާތަކުގެ ކުދިންނަށް ނުވާނެކަމީ ޝައްކެއް އޮތް ކަމެއްނޫންނެވެ. ކުލާހުގައި ކިޔަވާދޭ ޓީޗަރު ގެޔަށްގެނެސް ޓިއުޝަންނަގާ ކުދިންނާއި ނުނަގާ ކުދިންނާއި ދެމެދު ހަމަހަމަކަން ޓީޗަރަށް ބެހެއްޓޭތޯއެވެ؟ ޕްރައިވެޓްކޮށް ޓީޗަރު ގެންނަ ކުދިންނަށް އެހެންކުދިންނާއި ޚިލާފު ރަނގަޅު ނަތީޖާއެއް ކުލާހުގައި ނަގާ ޓެސްޓްތަކުން ލިބޭތޯއެވެ؟ މިއީ ސަރުކާރުން ބަލަން ޖެހިފައިއޮތް ކަމެކެވެ.


ގިނަ ޓީޗަރުން ވަރަށް އިންސާފުވެރިކަމާއި ޕްރޮފެޝަނަލްކަމާއެކު މަސައްކަތް ކުރާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް މިކަން މިހެން އޮތްކަމުގެ އިތުބާރު އޮންނަންވާނެއެވެ. އަދި މި އިތުބާރު ދަމަހައްޓަންވާނެއެވެ. ކުލާހުގައި ކިޔަވާއިދޭ ޓީޗަރު ކައިރިން ޓިއުޝަން ނަގާ ދަރިވަރު ސްކޫލުގެ އިމްތިހާނުތަކުގައި މޮޅުވަމުން ދިޔުމުން، އެއީ އިތުރު ކިޔެވުމުގެ ސަބަބުން ލިބުނު ނަތީޖާއެއްތޯ ނޫނީ ޓީޗަރާއި އުފެދޭ އިތުރު ގާތްކަމުގެ ސަބަބުން ލިބުނު ނަތީޖާއެއްތޯ ސުވާލު އުފެދިގެން ނުވާނެއެވެ. އަމުދުން އެ ޓީޗަރ ކައިރިން ޓިއުޝަން ނުނަގާ ދަރިވަރުންގެ މައިންބަފައިން މިސުވާލު ހިތަށް އެރުމުގެ ފުރުސަތު އޮވެގެން ނުވާނެއެވެ.


ގްރޭޑުތަކުގެ މާނަ

ޓެސްޓްތަކުން ދަރިވަރު ހޯދާ ގްރޭޑަކީ ދަރިވަރުގެ އިލްމާއި، ވިސްނުމާއި، ފިލާވަޅު އޮޅުންފިލާފައިވާ މިންވަރާއި، ދަރިވަރުގެ ޤާބިލް ކަމާއި، ކުޅަދާނަކަމުގެ މިންގަނޑެއް ކަމުގައި ބެލެވޭތޯއެވެ؟ އެކަމަކު ދަރިވަރުގެ މޮޅު ނަތީޖާ ހޯދުމާއި ޓިޗަރުގެ ޓިއުޝަން ފީ ދެއްކުމާއި ގުޅިފައިވާ ކަމުގެ ޝަކްލެއް އުފެދިއްޖެނަމަ، އިމްތިހާން ސިސްޓަމާއި ތަޢުލީމީ ނަތީޖާތަކުގައި އާންމުންގެ އިތުބާރު ކުޑަވެދާނެއެވެ.


ޑޮލަރު އަދި ފޮރިން އެކްސްޗޭންޖް

ދިވެހިރާއްޖެ މިހާރު މިދަނީ ބޭރުފައިސާ ލިބުމުގެ ދަތިތަކަކާއި ކުރިމަތިލަމުންނެވެ. ކަންމިހެން އޮތަސް ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުން ޓިއުޝަން ދީގެން ބޮޑު އާމްދަނީއެއް ހޯދަމުންދެއެވެ. މުސާރައިގެ އެތަށް ގުނައެއް އިތުރަށް ޓީޗަރުން ޓިއުޝަންދީގެ ލާރި ހޯދައެވެ. އަދި މާލޭ އޭރިޔާގައި މަސައްކަތް ކުރާ ޓީޗަރުން ޓިއުޝަނުން ހޯދާ އާމްދަނީ އެތަށް ގުނައެއް އިތުރެވެ. ބައެއް ޓީޗަރުން މަހަކު -/100000ރުފިޔާ އަށްވުރެ ގިނައިންވެސް ހޯދައެވެ. މިހުރިހާ ފައިސާދާނީ ޑޮލަރުގެ ގޮތުގައި ރާއްޖެއިން ބޭރުވެގެންނެވެ. މިއީ ރާއްޖޭގެ ޑޮލަރުގެ ދަތިކަމަށް ކިހާވަރަކަށް އަސަރުކުރާ ކަމެއްތޯ ދިރާސާ ބަލަން ވަނީޖެހިފައެވެ. މިއީ ފިޔަވަޅު އަޅަންޖެހިފައިވާ ޤައުމީ މައްސަލައެކެވެ.


ޤާނޫނާއި ހަމަހަމަކަން

އާންމުކޮށް ޓީޗަރުން ފިޔަވައި، އެކްސްޕެޓްރިއޭޓުން ވަޒީފާއިން ބޭރުން މަސައްކަތް ކުރަމުން ގެންދާނަމަ، ނުވަތަ ވަޒީފާ ދިންފަރާތުގެ މަސައްކަތް ނޫން އެހެން މަސައްކަތް ކުރާނަމަ އެއީ ޤާނޫނީ ބޮޑު މައްސަލައަކަށް އިމިގްރޭޝަނާއި ހޯމް މިނިސްޓްރީން ހަދައެވެ. ނަމަވެސް ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޓާގައި ރާއްޖޭގައި އުޅޭ ޓީޗަރުން ވިޔަފާރި އުސޫލުން ޓިއުޝަން ދެމުންގެންދާ ކަމާއި، އަދި ސްކޫލުގެ ކުލާހުގައި ކިޔަވައިދޭ ކުދިންނަށްވެސް ޓިއުޝަންދެމުން ގެންދާކަން މިއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ނަމަވެސް މީގައި އެއްވެސް އިޝޫއެއް އޮވެގެން ކަމާއިބެހޭ އިދާރާތަކުން އުޅޭތަނެއް ނުފެނެއެވެ.  ސުވާލަކީ، އެއް ޤާނޫނު އަދި އެއް އުސޫލު ހުރިހާ އެކްސްޕެޓްރިއޭޓް މުވައްޒަފުންނަށް ހަމަހަމައަށް ތަންފީޒުވަން ޖެހޭނޭތޯއެވެ. މިކަމާއި މެދު ބަހުސްކުރުމަކީ ޓީޗަރުންނާއި ދެކޮޅު ވުމެއް ނޫނެވެ. އެއީ ޤާނޫނާއި ހަމަހަމަކަމާއި އިންސާފާމެދު ކުރެވޭ ބަހުސެކެވެ.


ދިރާސާ މުހިންމު

ބޭރު ޓީޗަރުންނަކީ މި ޤައުމަށް ވަރަށް މުހިންމު ބަޔެކެވެ. ޓީޗަރުންނަކީ ގިނަ ޗެލެންޖްތަކާއިއެކު ޤައުމުގެ ދަރިން ބިނާކުރުމަށް ބުރަމަސައްކަތް ތަކެއް ކުރަމުން ގެންދާ ބައެކެވެ. އެކަމަކު ދައުލަތުން އަންނަނިވި ދިރާސާތައް ކުރުން މުހިންމެވެ.

1. ޕްރައިވެޓް ޓިއުޝަންގެ މާކެޓުގެ ސައިޒް ބެލުން.

2. ކުލާހުގައި ކިޔަވައިދޭ ޓީޗަރުން ކައިރިން ޓިއުޝަންނަގާ ދަރިވަރުންނާއި ޓިއުޝަން ނުނަގާ ދަރިވަރުން ނަތީޖާގެ ދިރާސާ.

3. ޕްރައިވެޓް ޓިއުޝަނުގެ އާމްދަނީ ބޭރަށް ރެމިޓްކުރުމުގެ އިޤްތިސާދީ އަސަރު.

4. ސްކޫލުގައި ޓީޗަރު ކިޔަވާދޭ ކުދިންނަށް ޕްރައިވެޓް ޓިއުޝަން ދިނުމުން ދިމާވެދާނެ ކަންކަން.

 

ނިންމުން

ތަޢުލީމަކީ މާދަމާގެ ރާއްޖެ ބިނާކުރާ އެންމެ މުހިންމު އާލާތެވެ. މިކަމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓީޗަރުންނެވެ. ނަމަވެސް ޕްރައިވެޓް ޓިއުޝަނުން މުސާރައިގެ އެތައްގުނައެއްގެ ފައިސާ ކޮންމެ ޓިޗަރަކު ޤައުމުން ބޭރުކުރަމުން ދާނަމަ އެކަމާއިމެދު ބަހުސްކުރުމަކީ ކުރަންވާނެކަމެކެވެ. ޑޮލަރުގެ ޙާލަތަށް މިކަމުން ކުރާ އަސަރު ދެނަގަންނަންވާނެއެވެ. ދަރިވަރުންގެ މެދުގައި ހަމަހަމަކަން ޤާއިމު ކުރުމާއި ސްކޫލުގެ ޓެސްޓްތަކުގެ ނަތީޖާގެ އާއްމު އިތުބާރު ދެމެހެއްޓެންވާނެއެވެ. ޓީޗަރުންނަށްވެސް ވަޒީފާގެ މުސާރައިގެ އިތުރަށް މި ޤައުމުން އާމްދަނީ ހޯދައި އެފައިސާ ރާއްޖެއިން ބޭރުކުރެވޭނަމަ އެކަން ކުރަންވާނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޤައުމަށް އެންމެ ގެއްލުން ކުޑަ ގޮތަކަށެވެ. އަދި ޓީޗަރުންނާއި އެހެން މަޤާމުތަކުގައި މަސައްކަތްކުރާ ބިދޭސީންނާއިމެދު ޤާނޫނު ހިންގުމުގައި ހަމަހަމަ އުސޫލުތަކެއް ގެންގުޅެންވާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ކޯޓާގައި ތިބޭ ބޭރުމީހުން އަމިއްލަ މަސައްކަތް (ވިޔަފާރީ) ކުރަމުން ގެންދާނަމަ އެކަން މިނިސްޓްރީންވެސް ބަލަންވާނެއެވެ.


Share this article: Facebook Twitter WhatsApp
Related Articles