ބީއެމްއެލްގެ އެހީތެރިކަމާއެކު "ހާޓް ހެލްތީ ރާއްޖެ" މަޝްރޫއު ޓައިނީ ހާޓްސްއިން ކާމިޔާބުކަމާއެކު ނިންމާލައިފި!
ހާއްސަ އެހީއަށާއި މުޅި އާބާދީގެ ހިތުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ހޭލުންތެރިކުރުވުމުގެ ގައުމީ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫއަކީ ރާއްޖޭގައި ގައިންގަޔަށް ނުފެތުރޭ ބަލިތައް (އެންސީޑީ) މަދުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ކަސްރަތާއި ހަރަކާތްތެރި ދިރިއުޅުމަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މިއީ މިނިސްޓްރީ އޮފް ހެލްތުގެ ގައުމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރޭވިގެން ކުރިއަށްދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ ދަށުން، ތަފާތު އުމުރުފުރާތަކަށާއި ޖިސްމާނީ ގޮތުން ތަފާތު އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން 10 ކަސްރަތު ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ:
- ސްކޫލް ކުދިންނާއި މުދައްރިސުންނަށް ހާއްސަ ކްލާސްރޫމް ކަސްރަތުތައް
- މާބަނޑު އަންހެނުންނަށް ރައްކާތެރިކަމާއެކު ކުރެވޭނެ ކަސްރަތުތައް
- އެކަކު އަހަރަށްވުރެ ކުދި މާބަނޑު ދަރިންގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުމުގެ ކަސްރަތު
- އެނދުމަތިވެފައިވާ ފަރާތްތަކަށް ހާއްސަ ލުއި ހަރަކާތްތައް
- ބޮޑެތި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އާންމު ދުޅަހެޔޮކަމަށް ހާއްސަ ކަސްރަތުތައް
މި ވީޑިއޯތައް މިހާރު ޓައިނީ ހާޓްސްގެ ރަސްމީ ވެބްސައިޓުންނާއި އިންސްޓަގްރާމް ޕޭޖުން އާންމުކޮށް ބަލާލެވޭނެއެވެ. އަދި ރަށްރަށުގެ ޖަމިއްޔާތަކަށާއި ސިއްހީ އިދާރާތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ޑައުންލޯޑް ކުރެވޭ އުސޫލުން ވަނީ އާންމުކޮށްފައެވެ.
މި މަޝްރޫއަށް ހަރަދުކޮށްފައިވަނީ ބީއެމްއެލްއިން ކޮންމެ އަހަރަކު ޖަމިއްޔާތަކަށް ހުޅުވާލައިގެން ދޭ "ބީއެމްއެލް ބޭންކް ފަންޑު" ގެ ދަށުންނެވެ. މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު ހޮވާލެވޭ 5 ޖަމިއްޔާއަކަށް، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް 200,000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

