ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި "ކާނިވާ 44" ކާމިޔާބުކަމާއެކު ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ކުރިއަށްގެންދިޔަ "ކާނިވާ 44" ބޮޑު ތަރުހީބަކާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަހުގެ 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި މި ކާނިވާއަކީ އެކި އުމުރުފުރާތަކުގެ އާންމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން، ކާނިވަލަށް ޒިޔާރަތްކުރި ފަރާތްތަކަށް މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި، ކުޑަކުދިންނަށް ޚާއްޞަ ގިނަ ކުޅިވަރުތަކެއް ވަނީ އިންތިޒާމުކޮށްފައެވެ. މީގެ އިތުރުން، ތަފާތު ބާވަތްތަކުގެ މުދަލާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ސްޓޯލްތައް ވެސް އެ ސަރަހައްދުގައި ބަހައްޓާފައި ހުއްޓެވެ.
މި ކާނިވަލުގެ ތެރެއިން ޒިޔާރަތްކުރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ގައުމީ ބޭންކުން ވަނީ ފަހިކޮށްދީފައެވެ. ކާނިވަލުގައި ބަހައްޓާފައިވާ ސްޓޯލްތަކުން 50 ރުފިޔާއިން މަތީގެ ސްވައިޕް މުއާމަލާތެއް ހިންގި ކޮންމެ ފަރާތަކަށް ޚާއްޞަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު، ކާނިވާ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ނަސީބުވެރިން ހޮވައި އިނާމު ހަވާލުކޮށްފައެވެ. އެގޮތުން، ގުރުއަތުން ހޮވުނު ފަސް ނަސީބުވެރިއަކަށް މެކްބުކް ނިއޯއެއް، އަދި ދެ ފަރާތަކަށް ބެޓެރީ ސައިކަލެއް ވަނީ ހަވާލުކޮށްފައެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މިފަދަ ކާނިވާއެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ އެންމެން އެއްތަނަކަށް އެއްވެ، އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ މާހައުލެއް ޤާއިމުކޮށްދިނުމެވެ. އަދި ހަމައެއާއެކު، ކުދި ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ އެ ފަރާތްތަކަށް އެއްބާރުލުމާއި ސަޕޯޓް ދިނުމަކީ ވެސް މި ހަރަކާތުގެ މުހިންމު އަމާޒެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބީއެމްއެލްއިން ވަނީ އެ ބޭންކަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މާލެ ސަރަހައްދުގައި ވެސް މިފަދަ ކާނިވާއެއް ބާއްވާފައެވެ. އަދި މިދިޔަ އަހަރު އައްޑޫ ސިޓީގައި ވެސް އެ ބޭންކުން ވަނީ ކާމިޔާބު ކާނިވާއެއް ކުރިއަށް ގެންގޮސްފައެވެ.
