ބަނގުރާ ބޭނުންކޮށް ގެންގުޅުނު ކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި
ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވާދޫ، އުމުރުން 19 އަހަރުގެ މުހައްމަދު ރަޒާން އަލީ ޒާހިރެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، ރަޒާންއަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޕްރައިވެޓް ރޭންކުގައި މަސައްކަތްކުރާ މީހެއް ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން ރަޒާން ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި އޭނާ ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ކޯޓަށް ހެކި ހުށަހަޅާފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ހުށަހެޅި ހެކީގެ އިތުރު ތަފުސީލެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް، ފަސް ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލެއްގައި ރަޒާން ބަންދުކުރުމަށެވެ. އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވަނީ، މި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށް ރަޒާން ކޯޓުގައި ބުނެފައިވާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
