އަތޮޅުތެރޭގެ އެކި ރަށްރަށުގައި 22 މަޝްރޫއު ހިންގަން އެމްޓީސީސީ އާ ހަވާލުކޮށްފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ އިތުރު 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
މަގު ހެދުމުގެ މަޝްރޫއުތައް:
އދ. ހަންޏާމީދޫ، ބ. ކަމަދޫ ، އަދި ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ، ތ. ވަންދޫ
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް:
އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު، އަދި ނ. މިލަދޫ.
ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް:
ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި، އަދި ނ. ހޮޅުމީދޫ.
މޫދަށް އެރޭ ސަރަހައްދާއި ސްލިޕްވޭ ތަރައްގީކުރުން:
ހދ. ވައިކަރަދޫ (ސްލިޕްވޭ އަދި ބީޗް) އަދި ރ. ފައިނު (ބީޗް)
އިމާރާތް ކުރުމުގެ މަޝްރޫއު:
ފުވައްމުލަކު (9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސް)
މި މަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ވެސް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މިހާރުވެސް، އެކިއަތޮޅުގައި ސަރުކާރުން ފަށަފައިވާ މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. އަދި ބައެއް އިންތިޚާބުތަކުގެ ކެންޕޭނުތަކާ ދިމާކޮށް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ މަޝްރޫއުތައް އަދިވެސްހުރީ ނުފެށި ބުރެކި ޖެހިފައެވެ.
އަދި ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ބޮޑުބައެއް ނިންމާފައިވާ މަސައްކަތްތައް ވެސްހުރީ ނުނިމި ހުއްޓިފައެވެ.
