އަތޮޅުތަކުން މާލެ ދަތުރުކުރާ އޮޑިފަހަރަށް ނޯތުހާބަރުން ޖާގަ ލިބުމުގައި ދަތިތަކެއް ކުރިމަތިވޭ
ނޯތު ހާބަރަށް ގާތްކުރާ އޮޑިދޯނިފަހަރު ގިނަވެ، އިންޒާމުތަކަށް ދަތިވެފައިވާ ކަމަށް މާލޭ ވިޔަފާރި ބަނދަރު (އެމްޕީއެލް) އިން ބުނެފި އެވެ.
މާލޭ ނޯތު ހާބަރުން މުދާބޭލުމާއި އެރުވުމުގައި މިހާރު އަމަލުކުރާ އުސޫލުގެ ސަބަބުން އަތޮޅުތަކަށް މުދާ އުފުލާ ބޯޓުތަކަށް ދިމާވާ ގޮންޖެހުންތަކާ ހެދި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެމްޕީއެލްގެ އިސްވެރިން ވަނީ މިއަދު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީގައިވާ ގޮތުން މިހާރު ބޯޓެއް ނޯތު ހާބަރާ ގާތްކުރުމަށް 10-15 ދުވަހުގެ މުއްދަތެއް ހޭދަކުރަން ޖެހެއެވެ.
އެ މައްސަލާގައި މެމްބަރުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ނޯތު ހާބަރުގެ ސެކްޝަން މެނޭޖަރު މުހައްމަދު އަޒަރު ވިދާޅުވީ ކޮންމެ މަހަކު ކަހަލަ ގޮތަކަށް ނޯތު ހާބަރަށް ބޯޓުފަހަރު އިތުރުވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ނޯތު ހާބަރަށް ބޯޓުތައް ގާތްކުރަން ފެށިއިރު 80 ބޯޓަކުން އެތަން ބޭނުންކުރަމުން އައި ނަމަވެސް މިހާރު އެ އަދަދު 149 އަށް އިތުރުވެފައިވާ ކަމަށެވެ.
އަޒަރު ވިދާޅުވީ އެ ދަތިކަން އައީ ކުއްލިއަކަށް ނޫން ކަމަށާއި އެއީ ދުވަހެއް ދުވަހަށް ބާރު ބޮޑުވަމުން އައިސް ކުރިމަތިވި ހާލަތެއް ކަމަށެވެ. އަދި ބޯޓުތަކުގެ އަދަދު އިތުރުވަމުން އައި ނަމަވެސް އެތަނުގެ ފަޅު ބޮޑުކުރެވިފައި ނުވާ ކަމަށާއި އެކަމަކު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުން ފަޅު ވަރަށް ބޮޑަށް ހަނިވެފައިވާކަން އެމްޕީއެލް އިން ފާހަގަ ކުރެއްވިއެވެ.
އަޒަރު ވިދާޅުވީ ފަޅު ތޮއްޖެހުން ކުޑަކުރުމަށް ގަވައިދު އިސްލާހުކޮށްފައިވާ ކަމަށެވެ. ކުރިން އޮންނަނީ ނޯތު ހާބަރު ފަޅަށް ވަދެފައި ނޫނީ ކިއުގައި ނޯޓު ނުކުރެވޭ އުސޫލެވެ. އެކަމަކު މިހާރު އޮންނަނީ ނޯތު ހާބަރުން ނުކުންނަ ގޮތަށް، އެ ބޯޓަކުން ބޭނުންވެއްޖެ ހާލަތެއްގައި ކިއުގައި ނޯޓުކުރެވޭ ގޮތަށެވެ.
އެހެންވެ، އޭނާ ވިދާޅުވީ އާ ބަނދަރު ތިލަފުށީގައި ހެދުމުން އެކަމަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގު ވިދާޅުވީ ނޯތު ހާބަރުގައި އޮތީ ވަރަށް ކުޑަ ޖާގައެއް ނަމަވެސް ތިލަފުއްޓަށް ބަދަލުކުރުމުން 2.3 މިލޯމީޓަރުގެ ކީވޯލެއް ލިބޭނެ ކަމަށެވެ.
އަދި ނޯތު ހާބަރު ކުރިމައްޗަށްވާ ގޮތަށް އޮންނަ އަތޮޅު ފިހާރަތަކަކީ ވަރަށް ކުދި އަދި ހަނި މަގުތަކެއްގައި ހުންނަ ތަންތަން ކަމަށާއި އެ ތަނުން މުދާ ގެންދިއުމުގައި ވެސް ދަތިތަކެއް އެބަ ހުރި ކަމަށް ވިދާޅުވި އެވެ.
އެކަމަކު ތިލަފުއްޓަށް ބަދަލުކުރުމުން އަތޮޅު ފިހާރަތައް ހުންނާނީ ކީވޯލުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ ބޮޑެތި ވެއާހައުސްތަކެއްގައި ކަމަށެވެ. އެ މަގުތައް ވެސް ފުޅާވާނެ ކަމަށާއި ދަތުރުފަތުރުކުރުމަށް ވެސް ފަސޭހަވާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.
