ކުރިއަށްއޮތީ މަޝްރޫއުތަކުގެ ރިބަން ކަނޑާ އަހަރު: ހުސްނީ މުބާރަކު
ކުރިއަށް އޮތީ މަޝްރޫއުތަކުގެ ރިބަން ކަނޑާ އަހަރު ކަމަށް މަނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުން ހުސްނީ ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓު ބޭނުންކުރި ގޮތާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ވާހަކަތައް ދެއްކި ނަމަވެސް ހަމައެކަނި ސިއްހީ ދާއިރާއިން އެކަނި ވެސް ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގައި ޑަޔަލިސިސްގެ ހިދުމަތާއި، ލެބޯޓަރީ އަދި އެކްސްރޭގެ ހިދުމަތް މި އަހަރުގެ ތެރޭގައި ތައާރަފުކުރެވިފައިވާ ކަމަށާއި އަދި ނ. އަތޮޅު ހޮސްޕިޓަލުގައި ކުރިން ނުލިބޭ އެތައް ހިދުމަތެއް މިހާރު ލިބެން އެބަހުރި ކަމަށް ހުސްނީ ވިދާޅުވި އެވެ.
މާފަރުގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް އޮތް ނަމަވެސް، އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބި ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަށް މީގެ ކުރިން ހައްލެއް ލިބިފައިނުވާ ކަމަށާއި މި ސަރުކާރުން އެ މައްސަލަތައް ހައްލުކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ފުރިހަމަ ނަތީޖާ 2028 ވަނަ އަހަރު ފެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން، މިއީ ފަހުގެ ތާރީހެއްގައި ދައުލަތުން އެންމެ ބޮޑު ދަރަންޏެއް ދެއްކި އަހަރުކަން ފާހަގަކުރައްވަމުން، އެ ދަރަނިތައް ދައްކަން ނުޖެހުނުނަމަ ތަރައްގީގެ ދުވެލި މިއަށްވުރެ ވެސް ބާރުވީސް ކަމަށް ހުސްނީ ވިދާޅުވި އެވެ.
"ދާއިރާގެ ރައްޔިތުން، މަސައްކަތްތަކުގެ ސްޕީޑާއި މެދު ސުވާލު ނުއުފައްދާނެ ވަރަށް، ފުރަތަމަ 6 މަސް ދުވަހު ނިމޭއިރު ނަތީޖާ ފެންނާނެ ހިސާބަށް ދާނެއޭ. އިރާދަކުރެވިއްޔާ ދާއިރާގައި ފަށާފައި ހުރި ގިނަ މަސައްކަތްތަކެއްގެ ރިބަން ކަނޑާ ހުޅުވާނެ އަހަރަކަށް 2027 އަހަރު ވެގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ހުސްނީ ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވާ 2028 ވަނަ އަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރެވެ.
