އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުމާލޭގައި ކަސްޓަމްސް މުވައްޒަފުންގެ ފްލެޓްތައް އަޅަން ފަށަނީ
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ފްލެޓްތަކުގެ އަމަލީ މަސައްކަތް، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށް ހުޅުމާލެއިން ދޫކޮށްފައިވާ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް އެ ތަނުން ބޯހިޔާވަހިކަން ލިބުމަކީ މުވައްޒަފުން ވަރަށް ބޮޑަށް އިންތިޒާރު ކުރާ ކަމެކެވެ. އަދި އަންނަ އަހަރަކީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރުކަން ފާހަގަކުރައްވައި، އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރައަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވުމަކީ ކަސްޓަމްސްގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒަންކުރައްވާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރިފައިވާއިރު، މާލޭގައި ހުންނަ އެ މުއައްސަސާގެ މައި މަރުކަޒުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ 10 ރީޖަނަލް އޮފީހެއް މެދުވެރިކޮށް މިހާރުވެސް ދަނީ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދެމުންނެވެ.
