އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރުވި މަންމަގެ 18 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ އަނިޔާދިނުމަށް ފުރުސަތުދީ، އެކަމަށް ހިތްވަރުދިން މަންމައެއްގެ މައްޗަށް ދަށު ކޯޓުން އިއްވި 18 އަހަރާއި ބައިގެ ޖަލު ހުކުމަކީ ސައްހަ ހުކުމެއް ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމައިފިއެވެ.
މިއީ 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ބޭރު މީހަކު ލައްވައި އޭނާގެ ކުޑަ ދަރިފުޅާ މެދު ޖިންސީ އަމަލުތައް ހިންގުވައި، އެކަން ސިއްރުކުރި ހާދިސާއެކެވެ. މި މައްސަލައިގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 2016 ގައި އެ އަންހެންމީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ ދެ ކުށަކުންނެވެ. އެއީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުއްޖާ ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށުގައި 18 އަހަރުގެ ޖަލު ހުކުމަކާއި، އެފަދަ ކަމެއް ހިނގާކަން އެނގިހުރެ ރިޕޯޓް ނުކުރުމުގެ ކުށުގައި 6 މަސް ދުވަހުގެ ހުކުމެކެވެ.
ނަމަވެސް، 2018 ވަނަ އަހަރު ހައިކޯޓުން ވަނީ ދިފާއުވުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެ، ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް އެ އަންހެންމީހާ މިނިވަންކޮށްފައެވެ. ދައުލަތުން އެ މައްސަލަ އެންމެ މަތީ ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ހައިކޯޓުގެ ހުކުމް ގާނޫނާ ހިލާފު ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރެއްވީ، ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ހައްގުތައް ލިބިދީފައިވާ ކަމާއި، ފުލުހުންގެ ތަހުގީގުގައިވެސް އެކަން ސިއްރުކުރި ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމެވެ. އެހެންކަމުން، މެޖިސްޓްރޭޓް ކޯޓުން އިއްވި 18 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމަކީ ސައްހަ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

