އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ ހައުސިން މަޝްރޫއު ޑިޒައިންކުރާނެ ފަރާތެއް ހޯދަން އަލުން ހުޅުވާލައިފި
ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) ގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހައުސިން މަޝްރޫއުގެ ޑިޒައިނިން އަދި ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލައިފިއެވެ.
ސަރުކާރުގެ ގެޒެޓުގައި އައިލެންޑް އޭވިއޭސަނުން ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކުރި އިއުލާނު މިހާރު ވަނީ ބާތިލުކޮށްފައެވެ. އެހެންކަމުން، މި މަޝްރޫއު ޑިޒައިންކޮށް ކޮންސަލްޓެންސީ ދިނުމަށް ޝަރުތުހަމަވާ، ތަޖުރިބާކާރު ކުންފުނިތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ (އީއޯއައި) ފުރުސަތު އަލުން ވަނީ ހުޅުވާލާފައެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އީއޯއައި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި ނޮވެމްބަރު މަހުގެ 17 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 23:59 އެވެ. އައިލެންޑް އޭވިއޭސަނުން ބުނި ގޮތުގައި އީއޯއައި ހުށަހަޅަން ޖެހޭނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް އީމެއިލް މެދުވެރިކޮށެވެ.
މި މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް އައިއޭއެސްއެލްއިން ވަނީ ފާހަގަކޮށްފައެވެ. މި މަސައްކަތާ ގުޅޭ އާރްއެފްޕީ ޑޮކިއުމަންޓާއި، އީއޯއައި ފޯމުގެ އިތުރުން ޑްރޯއިން ގައިޑްލައިންތައް ގެޒެޓުގައިވާ އިއުލާނުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
