އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދިޔަ އިމާރާތެއްގެ ބިތްގަނޑެއް ވެއްޓި ބަޔަކަށް ކުދި އަނިޔާތަކެއް ވެއްޖެ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީ ހަދަމުންދިޔަ އިމާރާތެއްގެ ރައްކާތެރިކަމުގެ ބިތްގަނޑު އިއްޔެ ހަވީރު ވެއްޓި، ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ވެ، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 17:06 އެހާއިރުއެވެ. ވެއްޓިފައިވަނީ އެ އިމާރާތުގެ ފުރަތަމަ ބުރީގައި މަސައްކަތް ކުރަމުންދިޔައިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަހާފައި ހުރި ޓިނުގެ ބިތްގަނޑެކެވެ.
🚨#Breaking: IGMH kurimatheegai hadhamundhaa imaaraathehge bihgandu cycle ehga dhiya meehehge gayah vehtijje! Ithuru mauloomaathu: https://t.co/kGDEMkwyFf https://t.co/BnqdjwygUi
— #MvCrisis (@MvCrisis) November 23, 2026
މި ބިތްގަނޑު ވެއްޓިފައިވަނީ އެ ވަގުތު އެ ތަނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށެވެ. އަދި ބިތްގަނޑު ވެއްޓުނު ވަގުތު އެ ސަރަހައްދުގައި ތިބި ބައެއް މީހުންގެ ގައިގައި ވެސް ޖެހުނެވެ.
ފުލުހުން ބުނީ މި ހާދިސާގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް އެކިވަރުގެ ގެއްލުންތައް ލިބުމުގެ އިތުރުން، ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ލިބުނު ކަމަށެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.