"އަހަރެމެން ވިއްކާނެ މަންޒިލްތައް އެބަހުރި"، "ދިވެހި ސަރުކާރުގެ ފައިސާގެ ދަހިވެތިކަން ބޮޑު" – ބައެއް ޓްއަރއޮޕަރޭޓަރުން
ނޯޓް: މި ލިޔުމަކީ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެވި ޒިހާން ޙަސަން ފޭސްބްކްގައި ލިޔުއްވާފައިވާ ލިޔުމެއް، އެފަރާތުގެ ރުހުމާއެކު މި ނޫހުގައި މައުލޫމަތުގެ ގޮތުގައި ޝާއިޢު ކުރީއެވެ.
ދިވެހި ސަރުކާރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 700 އެއްހާ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާއެކު އޮންލައިން ބައްދަލުވުމެއް ބޭއްވިއެވެ. މަޤްޞަދަކީ، އޮކްޓޯބަރު 1 ގައި ޢަމަލުކުރަން ފަށާ އައު ޖީ.އެސް.ޓީގެ ވާޖިބުތައް އޮޅުންފިލުވައިދިނުމެވެ.
އެއީ ކޮން ބައެއްކަން ވިސްނާލާށެވެ. އެއީ ދިވެހިރާއްޖެ ދުނިޔެއަށް ވިއްކައިދޭ މީހުންނެވެ. އަޅުގަނޑުމެންގެ އެނދުތައް ފުރައިދޭ މީހުންނެވެ. އަޅުގަނޑުމެންގެ ފޮޓޯ އެމީހުންގެ ބްރޯޝަރުގެ ބޭރު ގަނޑުގައި (ހިލޭ އާއި އަގުނަގައިގެން ވިއަސް) ޖަހައިދޭ މީހުންނެވެ. އެ ހުރިހާ އެންމެން، އެއް ވަގުތެއްގައި، އެއް ސްކްރީނެއްގެ ކުރިމަތީގައި، އަޅުގަނޑުމެންގެ ވާހަކަ އަޑުއަހަން ތިއްބެވެ.
ބައްދަލުވުން އިންތިޒާމުކުރެވިފައި އޮތީ ދޯހަޅިކޮށެވެ. ފަންނީ މައްސަލަތައް ދިމާވިއެވެ. އަދި އެންމެ ބޮޑު ކަމަކީ، ކުރި ސުވާލުތަކަށް ސާފު ޖަވާބެއް ނުދެވުނުކަމެވެ. 3 ހަފުތާ ފަހުން ތަންފީޒުކުރަން އުޅޭ ޤާނޫނެއް، އެ ޤާނޫނު ހެދި މީހުންނަށް، ތަފްޞީލުކޮށް ކިޔައިދޭކަށް ނޭނގުނެވެ. ސަޕްލައި ޗޭނުގައި މާޖިން ހިސާބުކުރާނެ ގޮތެއް ބުނެދޭކަށް ނޭނގުނެވެ. ރަޖިސްޓްރީވާނެ ގޮތެއް، ފައިސާ ދައްކާނެ ގޮތެއް، ކެންސަލްވާ ބުކިންގތަކަށް ހަދާނެ ގޮތެއް ބުނެދޭކަށް ނޭނގުނެވެ.
ޤާނޫނު ހަދާ ބަޔަކަށް އެ ޤާނޫނު ނުވިސްނޭނަމަ، އެ ޤާނޫނު ތަންފީޒުކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އެ ބައްދަލުވުމުގެ އެންމެ ބިރުވެރި ބަޔަކީ ސްލައިޑްތަކެއް ނޫނެވެ. ޗެޓް ބޮކްސްއެވެ. ސަރުކާރުން ޕްރެޒެންޓޭޝަން ދެމުން ދިޔައިރު، އަޅުގަނޑުމެންގެ ބައިވެރިން، ދުނިޔެއަށް ފެންނާނެހެން، ލިޔަމުން ދިޔައީ މިހެންނެވެ.
ޗެޓް ބްކޮސްގައިވާ ބައެއް ކޮމެންޓްސް
· "މި އިތުރު ޓެކުހާއެކު، ކަނޑުގެ ލޮނުގަނޑު އުފުލިގެން ރާއްޖެ ފެއްތުމުގެ ކުރިން، އަމިއްލައަށް ރާއްޖެ ފައްތާލާނެއެވެ. އަޅުގަނޑުމެންގެ ޓުއަރ އޮޕަރޭޓަރު، 30 އަހަރު ވަންދެން ވިއްކަމުން އައި ލިސްޓުން ރާއްޖެ ނަގާނެއެވެ. އަދި ކްލައިންޓުން ގެންދާނީ، އުނދަގޫ ކުޑަ، އަގު ހެޔޮ އެހެން މަންޒިލްތަކަށެވެ."
· "މިއީ މުޅިން ބޭކާރު ކަމެކެވެ. މީގެ އަސަރު ކުރިއަށް އޮތް ބުކިންގތަކަށް ކުރާނެއެވެ. އަދި ނިކަމެތިވާނީ ހޮޓާތަކާއި އެތަންތާގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ސަބަބަކީ، ކަސްޓަމަރުން ސީދާ ދާނީ ސީޝެލްސް ނުވަތަ މޮރިޝަސް ފަދަ އެހެން މަންޒިލްތަކަށް ކަމަށްވާތީއެވެ. ދިވެހިރާއްޖެއަށް ދެރައެވެ. އެކަމަކު ފެންނަނީ، ފަތުރުވެރިކަމަށާއި އެއިން ދިރިއުޅޭ މީހުންނަށް ދިގު މުއްދަތުގައި ލިބޭ ގެއްލުމަށްވުރެ، ސަރުކާރުގެ ފައިސާގެ ދަހިވެތިކަން ބޮޑުވެފައިވާ ތަނެވެ."
· "ދެން އަޅުގަނޑުމެން ވިއްކާނީ ސީޝެލްސް، ސަޢޫދީ ޢަރަބިއްޔާގެ ރެޑް ސީ، ފިޖީ އަދި ފްރެންޗް ޕޮލިނޭޝިއާ ކަންނޭނގެއެވެ."
· "ނަސީބަކުން އިންޑިއާ ކަނޑުގައި އެހެން ރަނގަޅު މަންޒިލްތައް އެބަހުއްޓެވެ. ދެން އަޅުގަނޑުމެން ބޮޑަށް ބަލާނީ ސީޝެލްސްއާއި މޮރިޝަސްއަށެވެ."

މިއީ ސިޔާސީ ދުޝްމަނުންނެއް ނޫނެވެ. މިއީ އިދިކޮޅު ޕާޓީއެއް ނޫނެވެ. މިއީ ދިވެހިރާއްޖެއަށް ޙަސަދަވެރިވާ ބައެއްވެސް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރެވެ. އަދި މިއީ އެ ކަސްޓަމަރު، އަޅުގަނޑުމެންގެ އަމިއްލަ ބައްދަލުވުމުގައި، އަޅުގަނޑުމެންގެ މޫނުމަތީގައި ބުނި އެއްޗެކެވެ.
އެ ފުރަތަމަ ޖުމްލައިގައި އޮތް އެންމެ ބަރު ބަހަކީ "ޓެކްސް" އެއް ނޫނެވެ. "30" އަހަރެވެ. ތިރީސް އަހަރު ވަންދެން ދިވެހިރާއްޖެ ވިއްކި ކުންފުންޏެކެވެ. ތިރީސް އަހަރު ވަންދެން، ކޮންމެ މޫސުމެއްގައި، އެމީހުންގެ ކެޓަލޮގުގައި އަޅުގަނޑުމެންނަށް ޖާގަ ދިން ކުންފުންޏެކެވެ. ތިރީސް އަހަރު ވަންދެން، ޔޫރަޕުގެ ޢާއިލާތަކާ ދިމާލަށް "ދިވެހިރާއްޖެއަށް ދާށޭ" ބުނި ކުންފުންޏެކެވެ. އެ 30 އަހަރު ބިނާކުރީ އެއް ދުވަހަކުން ނޫނެވެ. ބިނާކުރީ ދިވެހި ރިސޯޓު މެނޭޖަރުންނާއި، މާކެޓިންގ ޓީމުތަކާއި، އަހަރަކު ދެ ފަހަރު ބާއްވާ ފެއަރތަކާއި، އެތައް ހާސް ދިވެހި މުވައްޒަފެއްގެ ޚިދުމަތުންނެވެ. އެ ތިރީސް އަހަރު ނިމުނީ އެންމެ ސަރކިއުލަރ އަކުންނެވެ.
ދަންނަންވީ ކަމަކީ މިއެވެ. އެއީ ބިރުދެއްކުމެއް ނޫނެވެ. އެއީ ވިޔަފާރީގެ ނިންމުމެކެވެ. ބިރުދެއްކުމަކީ އަނބުރާ ގެނެވިދާނެ އެއްޗެކެވެ. ކެޓަލޮގުން ނަގާ މަންޒިލެއް، އެ ކެޓަލޮގަށް އަނބުރާ ގެންނަން، އަނެއްކާވެސް އެތައް އަހަރެއް ނަގާނެއެވެ. 2 ވަނަ ކޮމެންޓުގައި ބޭރު ޤައުމެއްގެ ފަންނީ މީހަކު، ފާޅުގައި، ދިވެހި ސަރުކާރަށް ނިސްބަތްކޮށް ބޭނުންކުރި ބަހަކީ "ދަހިވެތިކަމެ"ވެ.
މީގެ ކުރިން ދިވެހިރާއްޖެއާ ގުޅުވައިގެން ބޭރު ދުނިޔޭގައި ބޭނުންކުރި ބަސްތަކަކީ "ސުވަރުގެ"، "ހަމަހިމޭންކަން"، "ދުނިޔޭގެ އެންމެ ރީތި ކަނޑު" ފަދަ ބަސްތަކެވެ. އެ ބަސްތައް ބިނާކުރަން އަޅުގަނޑުމެން ސަތޭކަ މިލިއަނުން ޚަރަދުކުރީމުއެވެ. މިއަދު އެ ލިސްޓަށް އިތުރުވީ "ދަހިވެތިކަމެ"ވެ. އަދި އިތުރުކުރީ އަޅުގަނޑުމެންގެ ވާދަވެރިއެއް ނޫނެވެ. އިތުރުކުރީ އަޅުގަނޑުމެންގެ ބައިވެރިޔާއެވެ.

ޤައުމެއްގެ ނަން ހަލާކުވަނީ އެއް ފަހަރާއެއް ނޫނެވެ. ހަލާކުވަނީ މިހެން، އެއް ކޮމެންޓު، ދެ ކޮމެންޓު، އެތައް ސަތޭކަ މީހަކު ކިޔާ ގޮތަށެވެ. މި ވާހަކަ މާލޭގައި ދައްކާއިރު، އެއީ "ޖީ.އެސް.ޓީ"، "މާޖިން"، "ކޮމްޕްލަޔަންސް" ފަދަ ބަސްތަކެކެވެ. ރަށްރަށުގައި، އެއީ މުޅިން އެހެން އެއްޗެކެވެ.
ޔޫރަޕުގެ އޮޕަރޭޓަރަކު ރާއްޖެ ދޫކޮށްލުމުން، ފުރަތަމަ ފެންނާނީ ރިސޯޓުގެ އޮކިއުޕަންސީ ދަށްވާ ތަނެވެ. އޮކިއުޕަންސީ ދަށްވުމުން ދެން ފެންނާނީ ސަރވިސް ޗާޖު ދަށްވާ ތަނެވެ. އެއީ ދިވެހި ރިސޯޓު މުވައްޒަފުންގެ ޢާއިލާތައް ދިރިއުޅެނީ އޭގެ މައްޗަށެވެ. އެއީ ދަރިންގެ ސްކޫލް ފީއެވެ. އެއީ ލޯނުގެ ބައެވެ. ދެން ޖެހޭނީ ލޯންޗު ދުއްވާ ކުއްޖާއަށެވެ. ލޯންޑްރީއަށެވެ. މަސް ސަޕްލައިކުރާ ދޯންޏަށެވެ. ޑައިވް ސެންޓަރަށެވެ. އެކްސްކާޝަން ބޯޓަށެވެ. ރަށު ގެސްޓް ހައުސްއަށެވެ. މިދިޔަ އަހަރު ސްޕީޑް ބޯޓަކަށް ލޯނު ނެގި މީހާއަށެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރަން ބޭނުން ނުވުމުގެ އަގު، ދައްކާނީ މި މީހުންނެވެ. މާލޭގައި، ސިޔާސީ މަޤާމުގައި، މުސާރަ ޔަޤީންވެފައި ތިބި މީހުންނެއް ނޫނެވެ. އެ ޗެޓް ބޮކްސްގައި އަޅުގަނޑުމެންނަށް ހިލޭ ލިބުނު އެއް އެއްޗެއް އެބައޮތެވެ.
އަޅުގަނޑުމެންގެ ބަދަލުގައި އެމީހުން ވިއްކާނެ ތަންތަނުގެ ލިސްޓެވެ. ސީޝެލްސް. މޮރިޝަސް. ފިޖީ. ފްރެންޗް ޕޮލިނޭޝިއާ. ސަޢޫދީ ޢަރަބިއްޔާގެ ރެޑް ސީއެވެ. މީގެ ތެރެއިން އެންމެ ފަހު ނަން ރަނގަޅަށް ކިޔާށެވެ. ސަޢޫދީ ޢަރަބިއްޔާއިން ރެޑް ސީގެ ފަތުރުވެރިކަމަށް އަޅަމުންދަނީ ބިލިއަނުންނެވެ. އެމީހުންނަށް އަޅުގަނޑުމެންނަށްވުރެ ރީތިވާކަށް ނުޖެހެއެވެ. އެމީހުންނަށް ޖެހެނީ އަޅުގަނޑުމެންނަށްވުރެ ފަސޭހަ ވާށެވެ. އަދި މިއަދު، އަޅުގަނޑުމެން އަމިއްލައަށް، އެކަން އެމީހުންނަށް ފަސޭހަކޮށްދީފީމުއެވެ.
މި ހުރިހާ ކަމެއް ހިނގަމުންދާއިރު، ސަރުކާރުގެ ޖަވާބަކީ ކޮބައި ހެއްޔެވެ؟
ޔޫރަޕުގެ ޖަމްޢިއްޔާއިން ސަފީރު މެދުވެރިކޮށް ރަސްމީ ސިޓީއެއް ފޮނުވައިފިއެވެ. ނޫސްތަކުގައި ލިޔެވިއްޖެއެވެ. ދިވެހިން ސުވާލުކޮށްފިއެވެ. 700 ބައިވެރިއަކު ފާޅުގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސަރުކާރު ދަނީ ކުރިއަށެވެ. އެއީ ސާބިތުކަމެއް ނޫނެވެ. އެއީ ސާބިތުކަން ކަމަށް ހެދިގެން އޮންނަ ބީރުކަމެވެ. ސާބިތުކަމަކީ ހެއްކަށް ބަލާފައި، ވިސްނާފައި، ގޮތެއްގައި ހިފެހެއްޓުމެވެ. ބީރުކަމަކީ ހެއްކާ ދިމާލަށް ބުރަކަށި ދިނުމެވެ. އެއްވެސް ސަރުކާރަކަށް، ބާޒާރަށްވުރެ ގިނަ ދުވަހު ކެތެއް ނުކުރެވޭނެއެވެ.
މި ލިޔުން ކިޔާ ދިވެހި ކޮންމެ މީހަކަށް، ސާފުކޮށް ދަންނަވަމެވެ. މިއީ ސިޔާސީ ޕާޓީއެއްގެ މައްސަލައެއް ނޫނެވެ. މިއީ ރީނދޫ، ނުވަތަ ފިޔާތޮށި، ނުވަތަ އެހެން ކުލައެއްގެ މައްސަލައެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ޤައުމުގެ އާމްދަނީގެ 80 އިންސައްތަ ހޯދައިދޭ ޞިނާޢަތުގެ މައްސަލައެކެވެ. ދިވެހިރާއްޖެ ފަޤީރުވެއްޖެނަމަ، ހުރިހާ ކުލައެއްގެ މީހުންވެސް ފަޤީރުވާނެއެވެ.
ވާހަކަދައްކާށެވެ. ސުވާލުކުރާށެވެ. ތިޔަބޭފުޅުންގެ މަޖިލިސް މެންބަރާ ސުވާލުކުރާށެވެ. ރިސޯޓުގައި މަސައްކަތްކުރާ ދަރިފުޅާ ސުވާލުކުރާށެވެ. މި ސިޔާސަތު ހަދާފައި ވަނީ ކާކާ މަޝްވަރާކޮށްގެންތޯ ސުވާލުކުރާށެވެ. އަދި ސާފު ޖަވާބެއް ނުލިބޭނަމަ، އެ ޖަވާބު ނުލިބޭ ސަބަބާމެދު ވިސްނާށެވެ.
ބިލު އަންނާނީ ފެބްރުއަރީ މަހު ހުސްކޮށް އޮތް ރިސޯޓެއްގެ ގޮތުގައެވެ. ދެބައިކުޅަ އެއްބަޔަށް ކުޑަވި ސަރވިސް ޗާޖެއްގެ ގޮތުގައެވެ. ބަންދުކުރި ގެސްޓް ހައުސްއެއްގެ ގޮތުގައެވެ. އަދި ވަޒީފާ ގެއްލިގެން ރަށަށް އެނބުރި ދާ ޒުވާނެއްގެ ގޮތުގައެވެ. އޭރު، މި ނިންމުން ނިންމި މީހުން، މަޤާމުގައެއް ނުތިބޭނެއެވެ.
ނޯޓް: މި ލިޔުމަކީ މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެވި ޒިހާން ޙަސަން ފޭސްބްކްގައި ލިޔުއްވާފައިވާ ލިޔުމެއް، އެފަރާތުގެ ރުހުމާއެކު މި ނޫހުގައި މައުލޫމަތުގެ ގޮތުގައި ޝާއިޢު ކުރީއެވެ.
