އަފްޣާނިސްތާނުގެ ވިޔަފާރި ބޭންކުތަކުގައި އިންޓްރެސްޓާއި ރިބާގެ މުޢާމަލާތްތައް ހިންގުން ރަސްމީކޮށް ހުއްޓާލައިފި
އަފްޣާނިސްތާނުގައި ހިންގާ ހުރިހާ ވިޔަފާރި ބޭންކުތަކެއްގައި އިންޓްރެސްޓަށް ބިނާކޮށް ހިންގާ ހުރިހާ މުޢާމަލާތްތަކަކާއި ރިބާގެ ކަންކަން އެއްކޮށް ހުއްޓާލުމަށް އެ ޤައުމުގެ މަރުކަޒީ ބޭންކު ކަމަށްވާ ދަ އަފްޣާނިސްތާން ބޭންކް އިން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
މި ނިންމުމާ ގުޅޭގޮތުން ދަ އަފްޣާނިސްތާން ބޭންކުގެ ޑިރެކްޓަރ އޮފް ބޭންކިންގ އެންޑް ފައިނޭންޝަލް ސަރވިސަސް ސުޕަވިޜަން، ޑރ. ލުޠުފުﷲ ޚައިރްޚުވާ ވިދާޅުވީ މުޅި ޤައުމުގައި ރިބާއަށް ބިނާވެފައިވާ ހުރިހާ މާލީ މުޢާމަލާތްތަކެއް މިހާރު އެއްކޮށް ނައްތާލެވިފައިވާ ކަމަށެވެ. މިއީ މުޅި ޤައުމީ އިޤްތިޞާދު އިންޓްރެސްޓާ ދުރު ނިޒާމަކަށް ފުރިހަމައަށް ބަދަލުކުރުމަށް މި ޒަމާނުގައި ޢަމަލީ ގޮތުން އެޅުނު އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅެވެ.
މި ނިންމުމާއެކު އަފްޣާނިސްތާނުގެ ޤައުމީ މާލީ ދާއިރާ މިހާރު ދަނީ އިސްލާމީ ޝަރީޢާ ހުއްދަކުރާ ފުރިހަމަ ނިޒާމަކަށް ބަދަލުވަމުންނެވެ. އެގޮތުން، ޢާންމުކޮށް އިންޓްރެސްޓް ނަގައިގެން ދޭ ލޯނުތަކުގެ ބަދަލުގައި، ފައިދާއާއި ގެއްލުން ޙިއްޞާކުރާ މުޟާރަބާ އުޞޫލާއި، މުދަލުގެ އަގަށް ފައިދާއެއް އިތުރުކޮށްގެން ވިއްކާ މުރާބަޙާ އުޞޫލުގެ އިތުރުން މުދަލަށް ބިނާކޮށް ފައިނޭންސްކުރާ އެކި އޮނިގަނޑުތައް މިހާރު ދަނީ ތަޢާރަފުކުރެވެމުންނެވެ.
މި މަނާކުރުމުގެ އަސަރު ސަރުކާރުން ހިންގާ މާލީ އިދާރާތަކަށާއި އަމިއްލަ ވިޔަފާރި މާލީ އިދާރާތަކަށް ވެސް ހަމަހަމަކޮށް ކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
