News Featured

އައްޑޫ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލައިފި

Advertisement
އައްޑޫ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލައިފި
ތަފްޞީލް

އައްޑޫސިޓީގެ ތަރައްގީގެ ޕްލޭންގެ ޑްރާފްޓް އައްޑޫ ސިޓީ ކައުންސިލުން ނިންމައި ރަށްވެހިންނާއި، ވިޔަފާރިވެރިންނާއި، ޖަމްއިއްޔާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދިވެހި ދައުލަތުގެ ވުޒާރާތަކާއި، ތަންފީޒީ އިދާރާތަކާއި، މިނިވަން މުވައްސަސާތަކުގެ ޚިޔާލާއި ލަފާ ހޯދުމަށް ހުޅުވާލައިފިއެވެ.

 

އައްޑޫ ސިޓީގެ ކައުންސިލް އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ވަނީ އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭންގެ ޑްރާފްޓް އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީގޮތުން އެއްބަސްވެފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (ސަސްޓޭނަބްލް ޑިވެލޮޕްމަންޓް ގޯލްސް) ހާސިލްކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއްދީގެން ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ ޕްލޭންތަކާއި އެއްގޮތްވާގޮތަށް ކަމަށެވެ.

 

އައްޑޫގެ މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި ތަފާސްހިސާބު އެއްކޮށް ދިރާސާކުރުމަށްފަހު އައްޑޫގައި ދިރިއުޅޭ ރަށްވެހިންނަށް އެންމެ މުހިއްމު ބޭނުންތައް ދެނެގަތުމަށްޓަކައި އައްޑޫގެ ކޮންމެ 5 ގޭބިސީއަކުން އެއް ގޭބިސީއަށް ޒިޔާރަތްކޮށް ސާވޭއެއްވެސް މިހާރު ނިންމާފައިވާ ކަމަށާއި އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެގެން ޕްލޭނިންގ ވޯކްޝޮޕްތައް ބާއްވައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ފެނަކަ، އެމްޓީސީސީ، ވެމްކޯ، އާރުޑީސީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، ގަން އެއަރޕޯޓް، އަދި އައްޑޫގައި ހިންގާ ޔުނިވަރސިޓީ ކޮލެޖްތަކާއި، އައްޑޫގައި އެކިއެކި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އައްޑޫގެ ޒުވާނުންގެ ޚިޔާލު ހޯދުމަށް މުހިއްމު މަސައްކަތް ތަކެއް ނިންމާފައިވާ ކަށެވެ.

 

އައްޑޫ ސިޓީ ކައުންސިލްގެ ނޫސްބަޔާނުގައި ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މީގެ ކުރިން އެކުލަވާލާފައިވާ ޕްލޭންތައް ވަޒަންކޮށް ހާސިލު ކުރެވުނު މިންވަރު ދެނެގަތުމާއި ދިމާވި ގޮންޖެހުންތައް ފާހަގަކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައވާ ކަމަށެވެ.

 

އައްޑޫ ސިޓީގެ މުސްތަގުބަލުގެ ތަސައްވުރާއި، ކަނޑައެޅިފައިވާ ތަރައްގީގެ 12  ލަނޑުދަނޑި ހާސިލްކުރުމަށް ރާވާފައިވާ ކަންކަމާއި އޭގެ ތެރެއިން އެންމެ އިސްކަންދޭ މުހިންމު 11 ކަމަކާ ގުޅޭގޮތުން ގިނަބައެއްގެ ޚިޔާލާއި ލަފާ ހޯދައި، ޕްލޭން ތަންފީޒުކުރުމަށް ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަން ލިބޭނެގޮތަށް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް ނޫސްބަޔާނުގައި ވެއެވެ. އަދި ރައްޔިތުންގެ އުންމީދުތައް ހާސިލުކުރެވޭނީ އާންމު ރައްޔިތުންނާއި، ވިޔަފާރިތަކާއި، މަދަނީ ޖަމިއްޔާތައް އަދި ދައުލަތުގެ އެކި މުއައްސަސާތައް ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށް ދެކޭ ކަމަށާއި ތަރައްގީގެ ޕްލޭނާ މެދު ވީހާވެސް ގިނަ ފަރާތްތަކުން ޚިޔާލު ފާޅުކޮށް، އިސްލާހުތައް ހުށަހަޅައި، މިކަމަށް ބާއްވާ ބައްދަލުވުންތަކުގައި ފުރިހަމައަށް ބައިވެރިވެދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.  


Share this article: Facebook Twitter WhatsApp
Related Articles