އަދާލަތު ޕާޓީން އިލްތިމާސްކުރަނީ ބޭރު މީހުންނަށް ދިގު މުއްދަތަށް ދިރިއުޅެވޭ ރިއަލް އެސްޓޭޓް މަޝްރޫއުތައް ނުހިންގުމަށް
ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަހައްދުތައް އުފެދޭ ގޮތަށް އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތައް ނުހިންގުމަށާއި، އޭގެ ބަދަލުގައި އެފަދަ މަޝްރޫއުތައް "ހޮލިޑޭ ހޯމްސް" ތަރައްގީކުރުމަށް އަމާޒުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ. އެ ޕާޓީން އިންޒާރު ދީފައިވާ ގޮތުގައި ބޭރު މީހުންނަށް ދިގު މުއްދަތަށް ދިރިއުޅެވޭ ގޮތަށް ވަކި ސަރަހައްދުތަކެއް އުފެއްދުމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށާއި އިޖުތިމާއީ ފެބްރިކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގާ އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތަކުގެ ސަބަބުން އިގުތިސާދު ސާމާނުކޮށް (ޑައިވާސިފައިކޮށް)، އިގުތިސާދީ ރެޒީލިއެންސް ވަރުގަދަކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް، ބޭރުގެ ފަރާތްތަކަށް ހާއްސަކޮށްގެން ދިރިއުޅޭ ވަކި ސަރަހައްދުތަކެއް ގާއިމުކުރުމަކީ ގައުމީ ސަލާމަތާއި، އާންމު މަސްލަހަތާއި، ދިވެހި ސަގާފަތުގެ އިތުރުން ދީނީ އެއްބައިވަންތަކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އެ ޕާޓީން ދެކެއެވެ.
މި ބަޔާނުގައި ވަކި ހާއްސަ މަޝްރޫއެއްގެ ނަންބަޔާން ކޮށްފައި ނުވި ނަމަވެސް، މިއީ ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި ނެރުނު ބަޔާނެކެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން 500 ހެކްޓަރުގެ ބިމެއްގައި ރިއަލް އެސްޓޭޓާއި ޓޫރިޒަމް ވަސީލަތްތައް ހިމެނޭ ގޮތަށް ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރުން ވަނީ ކޮމާޝަލް ޓާމްސް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އަދާލަތު ޕާޓީގެ ރައީސް މުހައްމަދު ޝިފާނާއި އިސް ލީޑަޝިޕުން ވަނީ ފާއިތުވި އޮކްޓޯބަރު މަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރައްވާފައެވެ. އަދި އެ ބައްދަލުވުމަށްފަހު، ހައުސިން މިނިސްޓްރީން ވަނީ މަޝްރޫއާ ގުޅޭ މައުލޫމާތު އަދާލަތު ޕާޓީއަށާއި މައުލޫމާތަށް އެދުނު އެހެން އިދާރާތަކަށް ހިއްސާކޮށްފައެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ބިލުގެ މައިގަނޑު މަގުސަދަކީ ރިއަލް އެސްޓޭޓް ވިޔަފާރިތައް ރެގިއުލޭޓްކުރާނެ ހާއްސަ އިދާރާއެއް އުފައްދައި، އެ ދާއިރާގެ މުއާމަލާތްތައް މޮނިޓާކޮށް، ފްލެޓާއި ގޯތި ގަންނަ ފަރާތްތަކުގެ ފައިސާއަށް ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މިހާރު އަމަލުކުރަމުންދާ އިމާރާތްކުރުމުގެ ގާނޫނަކީ ހަމައެކަނި އެއްމެދު އިމާރާތްތަކަށް ހާއްސަ ގާނޫނަކަށްވާތީ، އާ ގާނޫނުގެ ސަބަބުން ރިއަލް އެސްޓޭޓް މާކެޓްގައި ގަންނަ ފަރާތްތަކަށް ކުރިމަތިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.