އަބުރުގެ ބިލަކީ ނޫސްވެރިންގެ އަނގައިގައި ޓޭޕް އަޅައި ރައްޔިތުންނަށް ބިރުދެއްކުން: އިދިކޮޅު އެމްޑީޕީ
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު" އާ މެދު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން މިއަދު މަޖިލީހުގެ ޖަލްސާގައި ވަރުގަދައަށް ފާޑުވިދާޅުވެ، ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލަށް ބަހުސްކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މި ބިލަކީ ގާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ބިރުދައްކައި، ނޫސްވެރިންގެ އަނގައިގައި "ޓޭޕް އަޅަން" ކުރާ މަސައްކަތެއް ކަމަށެވެ. އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ފަރުދީ އަދި ގާނޫނީ ޒިންމާއެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޒިންމާދާރުކަމެއް ނެތި "ހިތަށް އެރިހާ ކަމެއް ކުރުމުން" އެކަމުގެ ވާހަކަ ދެއްކުމަކީ އަބުރަށް އަރައިގަތުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި މިފަދަ ބިލެއް ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި އެމްޑީޕީން އޮތީ މިކަމާ ދެކޮޅަށް ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ބަހުސްގައި ވާހަކަދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މި ބިލުގައި "އަބުރު" މާނަކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފަށެވެ. އަދި މީހަކާ ގުޅޭގޮތުން ދައްކާ ވާހަކައަކީ ފުރިހަމަ ތެދުކަން ކޯޓުގައި ސާބިތުކޮށްދޭން ޖެހޭ ގޮތަށް އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ ބިލު މިހާރު އޮތް ގޮތުން، މަޖިލީހުގެ ތަޅުމުގައްޔާއި ނޫސްތަކުގައި ރައްޔިތުންގެ މަސްލަހަތުގައި (ޕަބްލިކް އިންޓަރެސްޓްގައި) ދައްކާ ވާހަކަތައް ވެސް އަބުރާ ބެހުން ކަމަށް މާނަކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ މަގާމުތަކުގައި ތިބޭ ވެރިންނާ ބެހޭގޮތުން ރައްޔިތުން ދައްކާ ވާހަކަތަކާ މެދު އަމަލުކުރަންޖެހޭނީ އާންމު ފަރުދުންނާ ތަފާތު އުސޫލަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ގެ ކަންބޮޑުވުން އަމާޒުކުރެއްވީ ނޫސްވެރިންގެ މަސްދަރު ހާމަކުރުމާ ގުޅޭ މާއްދާއަށެވެ. ސިއްރު މަސްދަރަކުން ލިބޭ މައުލޫމާތު ހާމަކުރަންޖެހޭ ގޮތަށް ބިލުގައި އޮތުމަކީ ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނިމުމަކަށް ގެންނާނެ ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންގެ މަސްދަރު ހިމާޔަތްކޮށްދީފައި ވަނިކޮށް، މި ބިލުގައި އެފަދަ މާއްދާއެއް ހިމެނޭނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ނަމަވެސް، ވަކި ހާލަތްތަކެއްގައި ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ހެއްކާބެހޭ ގާނޫނު ފާސްކުރީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކުންކަން ފާހަގަކޮށްލެވެ އެވެ. އެ ދުވަސްވަރު ވެސް ނޫސްވެރިން ވަނީ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށްފަ އެވެ.
ބިލުގައި ހިމެނޭ މައިގަނޑު ކަންކަން:
- މަގުސަދު: ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާ ދެމެދު އިންސާފުވެރި ހަމަހަމަކަމެއް ގާއިމުކުރުމާއި، އަބުރަށް އުނިކަމެއް އަންނަ ހާލަތުގައި ޝަރީއަތުގެ ކުރިންނާއި ޝަރީއަތުގެ ތެރެއިން ހައްގު ހޯދައިދޭނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން.
- ގާނޫނު ހިނގާ ދާއިރާ: އާންމު ފަރުދުންނާއި، ގާނޫނީ ޝަހްސުތަކާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކާއި، އޮންލައިން ނޫސްތަކުގެ އިތުރުން ސޯޝަލް މީޑިއާ ހިމެނޭހެން ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށް މި ގާނޫނު ހިނގާނެ އެވެ. އަދި ރާއްޖޭން ބޭރުގައި ހުރެ ކުރާ އަމަލަކުން ރާއްޖޭގައި ހުރި މީހެއްގެ އަބުރަށް ގެއްލުން ލިބުނަސް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ.
- މަދަނީ ކުށެއް: މި ބިލުގައިވާ ގޮތުން އަބުރާބެހުމަކީ ޖިނާއީ ކުށެއްގެ ބަދަލުގައި މަދަނީ ކުށެކެވެ. އެހެންކަމުން، އަބުރަށް ގެއްލުން ލިބޭ ފަރާތަށް އޮންނާނީ މަދަނީ ބަދަލު ހޯދުމަށް ކޯޓުގައި ދައުވާކުރުމުގެ ހައްގެވެ.