އަބުރާ ބެހުމުގެ ބިލު މަޖިލީހަށް؛ ހައްގުތަކުގެ ބޭނުން ހިފަންޖެހޭނީ ޒިންމާދާރުކަމާއެކު: އޭޖީ
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާއިރު، ގާނޫނާ ހިލާފު ކަންކަން ކުރުމާއި އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ގާނޫނުއަސާސީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބުގެ އޮފީހުން އާންމުކުރި ވީޑިއޯއެއްގައި އުޝާމް ފާހަގަކުރެއްވީ ހައްގުތަކާއި ޒިންމާތަކަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފަރާތް ކަމަށެވެ.
އަދި ކޮންމެ މީހަކަށް ވެސް ލިބިދޭ ހައްގުތަކާއި އަދާކުރަންޖެހޭ ވާޖިބުތަކަކީ ވަކި ނުކުރެވޭނެ ދެ އަސާސްކަން ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހައްގުތަކާއެކު ޒިންމާތައް އަދާކުރުން އިހުތިރާމްކުރުން: ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި، ދައުލަތުގެ މުދަލާއި ތިމާވެށި ރައްކާތެރިކުރުމާއި، އަނެކުންގެ ހައްގުތަކަށް ރައްކާތެރިވެ އިހުތިރާމްކުރަންޖެހެއެވެ.
ދަތުރުފަތުރުކުރުމުގެ ހައްގު: އާންމު ތަންތަން ބޭނުންކުރުމުގައި ޒިންމާދާރުވެ، މަގުމަތީގައާއި ދަތުރުފަތުރުކުރުމުގައި އެހެން މީހުންނަށް ނުރައްކަލެއް ނުވާނެކަން ކަށަވަރުކުރަންޖެހެއެވެ. މުޒާހަރާކުރުމުގެ ހައްގު: ގާނޫނުއަސާސީން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ލިބިދީފައިވީ ނަމަވެސް، އެ ހައްގުގެ ބޭނުން ކުރަންޖެހޭނީ ގާނޫނުތަކަށް އިހުތިރާމްކޮށްގެންނެވެ.
"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ ވަރުގަދަ ދިމިގްރާތީ ނިޒާމެއް ބިނާވަނީ ހަމައެކަނި ހައްގުތަކެއްގެ މައްޗަކަށް ނޫންކަން. ކޮންމެ މީހަކު ވެސް އެ މީހެއްގެ ހައްގުތަކުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، އެކަކު އަނެކަކަށް އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމަކުރުމަކީ ދިމިގްރާތީ ނިޒާމެއް ފުރިހަމަކުރުމުގައި ލާޒިމުވާ ކަންކަން،" އުޝާމް ވިދާޅުވިއެވެ.
Know Your Rights, Live Your Responsibilities Our Constitution guarantees fundamental rights and freedoms, but with these rights come responsibilities. We all have a role to play in respecting and protecting the rights of others. This project is undertaken by AGO in partnership with @UNDPMaldives, with support from @EU_Maldives through the #AIMproject. #EngumakeeBaareh
— AG Office Maldives (@AGOmv) November 10, 2026
މި ވީޑިއޯއަކީ ބަންޑާރަނައިބުގެ އޮފީހާއި، ޔޫއެންޑީޕީ (UNDP) އަދި ޔޫރަޕިއަން ޔޫނިއަން (EU) ގުޅިގެން ކުރިއަށްގެންދާ "އެއިމް ޕްރޮޖެކްޓް"ގެ ދަށުން ހިންގާ "އެނގުމަކީ ބާރެއް" ކެމްޕެއިންގެ މެސެޖެކެވެ.
އަބުރާ ބެހުމުގެ ބިލު މަޖިލީހަށް އޭޖީ އުޝާމް މި މޭރެމުން ވާހަކަދެއްކެވިއިރު، ސަރުކާރުގެ ފަރާތުން ވަނީ "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހަށް ހުށަހެޅި މި ބިލުގެ މުހިންމު ނުކާތައް: ކުށުގެ ތަބީއަތް: އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމުގައި ހަމަޖެއްސުން. އަބުރާ ބެހުން ކަމަށް ބެލެވޭ ކަންކަން: ދައްކާ ވާހަކައަކުން، ލިޔާ ލިޔުމަކުން، ކާޓޫނު/ތަސްވީރު ކުރެހުމުން، ލަވަޔަކުން، ބްރޯޑްކާސްޓްކުރުމުން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ފަތުރާ ދޮގު މައުލޫމާތަކުން އަނެކާގެ ގަދަރަށް އުނިކަން އައުން. ނަގައިދެވޭ ބަދަލު: މާއްދީ އަދި މައުނަވީ ގެއްލުމުގެ ބަދަލު ކޯޓު މެދުވެރިކޮށް ނަގައިދެވޭނެ. ޖޫރިމަނާގެ އަދަދު: ބަދަލުގެ އަދަދު އުޅޭނީ 50،000 ރުފިޔާއާއި 500،000 ރުފިޔާ އާ ދެމެދުގައެވެ.
މި ބިލު މަޖިލީހަށް ހުށަހަޅައި، ސަރުކާރުން މިފަދަ އިންޒާރުތަކެއް ދީފައި މިވަނީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ ބިޔަ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

