އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑުގެ އެންމެ މެންބަރުން ވަކިކޮށް، އޭނާ އަލުން ޖަލަށް ބަދަލުކޮށްފި
އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގި ކަމުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ އަބްދުﷲ އިބްރާހީމް (އަބުޗާ) ގާނޫނާ ހިލާފަށް ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލައިގައި، ޕެރޯލް ބޯޑުގައި ތިއްބެވި ހުރިހާ މެންބަރުން މަގާމުން ވަކިކޮށް، އަބުޗާ އަލުން އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
މި ނިންމެވުން ހާމަކުރައްވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުންނަށް ޕެރޯލް ލިބޭނީ ހުކުމުގެ ދެބައިކުޅައެކު ބައި ތަންފީޒުކުރުމުން ކަމަށް ގާނޫނުގައި އޮންނައިރު، އަބުޗާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީސް ކަމަށެވެ. އަބުޗާގެ މައްޗަށް އިއްވާފައިވާ 25 އަހަރުގެ ހުކުމުގެ ތެރެއިން އޭނާ ތަންފީޒުކޮށްފައިވަނީ އެންމެ 5 އަހަރު ކަމަށްވާތީ، ޕެރޯލް ބޯޑުން އޭނާ ދޫކޮށްލީ ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން ޕެރޯލް ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާތީ ބޯޑުގެ މެންބަރުން ވަކިކުރުމުގެ އިތުރުން، އެ ބޯޑުގެ ނިންމުން ބާތިލުކޮށް އަބުޗާ ވަނީ އަލުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ޖަލަށް ބަދަލުކޮށްފައެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ޕެރޯލް ބޯޑުގެ މެންބަރުންގެ އިހުމާލު އޮތް މިންވަރު ދެނެގަތުމަށް އިތުރު ތަހުގީގުތައް ކުރިއަށްދާއިރު، އާ ޕެރޯލް ބޯޑެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.
