އާސަންދަ ބަޖެޓު ހުސްވުމާ ގާތަށް؛ އަހަރުގެ ބާކީ އޮތް ދޮޅުމަހަށް ބާކީ ހުރީ އެންމެ 21.4 މިލިއަން ރުފިޔާ
އާސަންދަ ސްކީމަށް މިއަހަރަށް ކަނޑައެޅި ބަޖެޓުގެ ބޮޑުބައި ހުސްވެ، އަހަރުގެ ބާކީ އޮތް ދޮޅުމަސް ދުވަހުގެ ހަރަދުތައް ހަމަޖެއްސުމަށް ބާކީ ހުރީ އެންމެ 21.4 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމަށް ދައުލަތުން ވަނީ 2 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއަހަރަށް އާސަންދައަށް ފާސްކޮށްފައިވާ ޖުމްލަ ބަޖެޓަކީ 2.02 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މިހާތަނަށް ބަޖެޓުގެ 98.94 އިންސައްތަ ވަނީ ހޭދަވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު އާސަންދައަށް ކުރި ހަރަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.94 އިންސައްތަ، ނުވަތަ 197.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 12 ގެ ނިޔަލަށް އާސަންދައަށް ހަރަދުވެފައިވަނީ 1.80 ބިލިއަން ރުފިޔާއެވެ.
މެޑިކަލް ވެލްފެއަރ އަދި ސަބްސިޑީގެ ހަރަދުތައް
އާސަންދައިގެ އިތުރުން މެޑިކަލް ވެލްފެއަރއަށް މިއަހަރު 409 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، މިހާތަނަށް ހަރަދުވެފައިވަނީ 241.6 މިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުގެ 59.07 އިންސައްތައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މެޑިކަލް ވެލްފެއަރއަށް 271.8 މިލިއަން ރުފިޔާ ހަރަދުވެފައިވާތީ، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 11.11 އިންސައްތައިގެ ދަށްވުމެކެވެ.
މީގެ އިތުރުން، ސަބްސިޑީ ދިނުމަށް މިއަހަރުގެ ބަޖެޓުގައި 2.89 ބިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، މިހާތަނަށް ސަބްސިޑީއަށް 4.59 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މިއީ ބަޖެޓު ކުރެވުނު އަދަދަށްވުރެ 1.70 ބިލިއަން ރުފިޔާ، ނުވަތަ 58.83 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހަރަދުވި 2.48 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 51.22 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
އާސަންދަ އިސްލާހު ކުރުމުގެ ފިޔަވަޅުތައް
އާސަންދައާއި ސަބްސިޑީއަކީ ކޮންމެ އަހަރަކުވެސް ބަޖެޓު ކުރެވޭ މިންވަރަށްވުރެ އިތުރަށް ދައުލަތުން ހޭދަކުރަންޖެހޭ ދެ ދާއިރާއެވެ. މި ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އާސަންދަ ނިޒާމަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި އިސްލާހުތަކާއެކު އަހަރަކު 287 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެއެވެ. މި ބަދަލުތަކުގެ ދަށުން، މަހަކު 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އާސަންދައިގެ ދަށުން ހިދުމަތް ހޯދާނަމަ، ބިލުގެ 15 އިންސައްތަ އަމިއްލައަށް ދައްކަން ޖެހޭނެއެވެ.
